ވަކި މީހެއްގެ ކާޓޫނު ކުރެހުމުން އެމްޑީޕީއަށް އެކަން ހަޖަމުނުވިކަމަށާއި އެމްޑީއެންއިން ދީނަށް ގޮންޖެހިއިރު އެމްޑީޕީއަށް އެކަން ދިފާޢު ވެސް ނުކުރިކަމަށް އައްޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން އެ ކޮމިޓީގެ ނައިބު މުޤައްރިރު ޝުޢައިބު ޢަލީ(ފުރަހަނި) ސަސްޕެންޑްކުރުމާއި ގުޅިގެންނެވެ. ސަސްޕެންޑްކުރީ ކީއްވެގެންކަން އެމްޑީޕީން ހާމަނުކުރި ނަމަވެސް މިކަމާއި ގުޅިގެން ޝުޢައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ސަސްޕެންޑްކުރީ ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ކާޓޫނެއް ކުރަހާފައިވާ މައްސަލައަކާއި ގުޅިގެންކަމަށެވެ.
މި ގޮތުން އެމްޑީޕީއަށް ފާޑުކިޔުއްވައި ޝެއިޚު ޢަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދު ވަކި މީހެއްގެ ކާޓޫނު ކުރަހައިލިކަމަށްޓަކައި އެމްޑީޕީއަށް އެކަން ހަޖަމުނުވެގެން ވަގުތުން ފިޔަވަޅު އެޅިއިރު އިސްލާމްދީނާއި ރަސޫލާ(ޞޢވ) އަށް ފުރައްސާރަކުރަން ހަޖަމުވާނީ ކޮންފަދައަކުންތޯ ސުވާލުކުރައްވާފައެވެ. އަދި އެމްޑީއެންއިން ދީނަށް ގޮންޖެހިއިރު އެމްޑީޕީއަށް އެކަން ދިފާޢުނުކުރާކަމަށް ވެސް ޝެއިޚު ޢަލީ ޒައިދު ވަނީ ވިދާޅުފައެވެ.
ޝެއިޚު ޒައިދު ވިދާޅުވިހެން އެމްޑީއެންގެ މައްސަލަ ބެލުމަށް މިހާރުގެ އެމްޑީޕީ ސަރުކާރުން އިހުމާލުވެފައިވާކަމަށް ބުނެ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އޭގެ ފަހުން ދީނަށް ފުރައްސާރަކުރި މައްސަލައިގައި ގިނަބަޔަކު ފާޑުކިޔަމުން އަންނައިރު އެއިން އެއްވެސްކަމަކަށް ފިޔަވަޅެއް އެޅިފައެއްނުވެއެވެ.