ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން ޖޭއެސްސީ އަށާއި ކޯޓުތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ތަކެތި މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެތި ހަވާލުކޮށްދެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއެވެ.
ޖޭއެސްސީގެ ފަރާތުން މި އެހީއާ ހަވާލުވީ އެ ކޮމިޝަނުގެ ރައީސް ހިސާން ހުސެއިނެވެ. އަދި ކޯޓުތަކަށް ހަދިޔާކުރި އެހީއާ ހަވާލުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ.އަބްދުﷲ ނަޒީރެވެ.
ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގުމަށް ބޭނުންވާ ގިނަ އައިޓި އިކުއިޕްމެންޓްތަކާއި އޮފީސް 365 ގެ ލައިސެންސާއި ކޮމިޝަނުގެ މަސައްކަތްތައް އޮންލައިންކޮށް އަދި ޒަމާނީކޮށް ގެންދިޔުމަށް ބޭނުންވާ ގިނަ ސާމާނު ހަދިޔާކޮށްފައިއެވެ.
މި އެހީގެ ސަބަބުން ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމަށް އަދި ސިންގަލް ޕްލެޓްފޯމެއްގައި ހުރިހާ ކޯޓުތަކެއް ހިންގުމަށް ގިނަ ފަސޭހަތަކެއް ވާނެ ކަމަށާއި ކޮމިޝަނުން މިހާރު މަސައްކަތް ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޖޭއެސްސީން ހަމަކުރިއެވެ.
ޔޫއެންޑީޕީގެ މަންދޫބުގެ ވާހަކަފުޅުގައި ވަނީ ކޯޓު ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް ކުރިއަށް އޮތް ތަނުގައި ވެސް ޔޫއެންޑީޕީގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޖޭއެސްސީގެ ރައީސް ހިސާން ވިދާޅުވީ ދިމާވާ ބަލިމަޑުކަމެއްގެ ތެރޭގައި އަޅާ ފިޔަވަޅެއްގެ ސަބަބުން ޝަރީއަތްތައް ނުހިންގި އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ނުލިބި ލަސްވެގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން އަރައިގަންނަން ޖުޑިޝަރީން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވިއެވެ.