ގިނަބައެއްގެ މަގުބޫލުކަން ލިބުނު ޑްރާމާ ސިލްސިލާގެ އެންމެ ފަހުގެ ޝޫޓިންގ މިއަދު ކުރިއަށް ދާނެކަމަށް ކަސައުޓީގެ ޓީމުން ބުނެފިއެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ފަހުކޮޅު ދައްކަން ފެށި ”ކަސޯޓީ“ އަކީ އެކްތާ ހަމަ އެ ނަމުގައި ކުރިން ގެނެސްދިން ސިލްސިލާގެ ކެރެކްޓާތަކާ އެކު، މުޅިން ތަފާތު ކާސްޓެއް ހިމަނައިގެން ގެނެސްދޭން ފެށި ސިލްސިލާއެކެވެ. ”ކަސޯޓީ“ އާ ބަޔަކާ އެކު ގެނެސްދޭން ނިންމީ ކުރީގެ ސިލްސިލާ ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ.
އެކްތާ ކަޕޫރްގެ ބާލާޖީ ޓެލެފިލްމްސްގެ ސިލްސިލާގެ ޓީމުގެ މީހަކާ ހަވާލާދީ މީގެ ކުރިން ބައެއް މީޑިއާތަކުން ބުނީ ”ކަސޯޓީ“ މިހާރު އޮތީ ޓީއާރްޕީ ރޭޓިން އަށް ބަލާ އިރު އެކްތާ އާއި އޭގެ މުޅި ޓީމް ވެސް އެންމެ ހިތްހަމަޖެހޭ ހިސާބުގައި ނޫން ކަމަށެވެ. އެހެން ކަމުން ޑްރާމާ ހުއްޓާލުމަށް ނިންމީކަމަށެވެ.
މީގެ އިތުރުން އެޑްރާމާގެ މުހިއްމު ރޯލުތަކެއް ކުޅެމުން ދިޔަ ގިނަ ތަރިންތަކެއް ވަނީ އެކި ސަބަބު ތަކާއި ހެދި ޑްރާމާ ދޫކޮށްލާފައެވެ. އެހެން ނަމަވެސް ކަސައުޓީ އަކީ މީގެ އެތަކެއް އަހަރު ތަކެއް ކުރިން ގިނަބަޔެއްގެ ބޮޑު ތަރުހީބެއް ލިބުނު ޑްރާމާއެކެވެ. ނަމަވެސް މިދިޔަ އަހަރު އޭގެ 2 ވަނަ ޑްރާމާ ސީރީޒް އަށް ވަނީ އެޓީމުން އުއްމީދު ކުރިވަރުގެ ތަރުހީބެއް ނުލިބިފައެވެ.
”ކަސޯޓީ“ އަށް ކުރިން ވެސް ވަނީ މުހިއްމު ކެރެކްޓާތަކެއް ކުޅުނު ތަރިންތަކެއް ބަދަލުކުރަން ޖެހުމުގެ އުނދަގޫ މަސައްކަތާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އާމްނާ ޝޯ އަށް ގެނައީ ހީނާ ކޮމޮލިކާގެ ރޯލް ދޫކޮށްލުމުންނެވެ. ކަރަން ޕަޓޭލަށް ބަޖާޖްގެ ރޯލް ދިނީ ކަރަން ސިންގް ގްރޯވާ އަށް އެ ރޯލް ދޫކޮށްލަން ޖެހުމުންނެވެ.
ސެޕްޓެމްބަރު 25، 2018 ގައި ދައްކަން ފެށި ”ކަސޯޓީ“ ގެ 430 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ. ކުރީގެ ”ކަސޯޓީ“ އަކީ އަށް އަހަރަށް ދެމިގެން ދިޔަ ސިލްސިލާއެކެވެ. އެގޮތުން 2001-2008 އަށް ގެނެސްދިން ސިލްސިލާގެ 1،423 އެޕިސޯޑް ގެނެސްދިނެވެ.