ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވާރޗުއަލްކޮށް ކުރިއަށް ނުގެންދެވޭނެކަމަށާއި މަޖިލީހުގައި ހޫނު ބަހުސްތައް ނުކުރެއްވޭނަމަ ރައްޔިތުންގެ ސަމާލުކަން ގެއްލިދާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ބުރާސްފަތިދުވަހު ޔޫރަޕިއަން ޔޫނިއަންގެ ޑިމޮކްރަސީ ވީކްގެ ހައިލެވެލް ސެޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފުރަތަމަ ވާރޗުއަލްކޮށް ބޭއްވީ ރާއްޖޭގައިކަމަށެވެ. އަދި ފުރަބަންދުގެ މުއްދަތުގައި މަޖިލީހުގެ ޖަލްސާތައް ވާރޗުއަލްކޮށް ބޭއްވެވުމަށްފަހު މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ އިދާރައިގައި ބާއްވަންފެށީ އެ ކަން އޮންނަންޖެހޭނީ އެ ގޮތަށްކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވުމުންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ބަހުސްކުރުމުގައި ބަހުގެ ހަމަލާތައް ރައްދުކުރުމުގެ އިތުރުން މަޖިލީހުގެ ރައީސްއަށް ރައްދުވާގޮތަށް ވާހަކަދެއްކެވުން ހިމެނޭކަމަށާއި އެހެން އެކަން ނުވާނަމަ ރައްޔިތުންގެ ސަމާލުކަން ގެއްލިދާނެކަމަށެވެ.
އެހެންކަމުން މަޖިލީހުގެ އެންމެ މުހިންމު ބާބުތައްކަމުގައިވާ ހޫނު ބަހުސްތައް ވާރޗުއަލްކޮށް ކުރިއަށްގެންދެވޭނެކަމަށާއި މަޖިލީހަކީ ރައްޔިތުން ބަލާ ތަނަކަށް ވާންޖެހޭނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ކޮވިޑް-19 އާއި ގުޅިގެން ދަޢުލަތަށް އިތުރަށް ބޭނުންވާ ފައިސާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދެއްވި ކަމަށާއި އޮޑިޓާރ ޖެނެރަލް މެދުވެރިކޮށް އެ ފައިސާ ބޭނުންކުރަނީ އެދެވޭގޮތަށްތޯ ވެސް ބައްލަވާފައިވާނެ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ފައިސާކަމަށާއި އެ ގޮތުން އެ ފައިސާއަކުން ބޭނުންހައި ކަމެއް ނުކުރެއްވޭނެކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.