ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ލިބިފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވާ ލޯނުއެހީ އެޕްރޫވްކޮށްފިއެވެ.
މިކަމާއި ގުޅިގެން އިންޑިއާ އެމްބަސީން ބުނީ އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވާ 250 މިލިއަން ޑޮލަރުގެ ލޯނުއެހީ އިއްޔެ އެ ޤައުމުގެ ސަރުކާރުން އެޕްރޫވްކޮށްފިއެވެ.
ބުރާސްފަތި ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރާއި ސްޓޭޓް ބޭންްކް އޮފް އިންޑިއާއާއި ދެމެދު ވަނީ ގެރެންޓީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ސްޓޭޓް ބޭންްކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ ލޯނު އެހީދޭން ނިންމާފައިވަނީ 10 އަހަރުދުވަހުގެ ތެރޭގައި ދައްކާގޮތަށެވެ. އަދި އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި %3.5 ނަގާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮވިޑާއި ގުޅިގެން އެންމެ ބޮޑަށް އެހީވާ ޤައުމުކަމުގައި އިންޑިއާވެފައިވާއިރު ވެރިކަމުގެ ފުރަތަމަކޮޅުގައި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 800 މިލިއަން ޑޮލަރުދީފައިވެއެވެ.
ކޮވިޑާއި ގުޅިގެން އިންޑިއާއިން އެހީވަމުން އަންނައިރު ގިނަ ބަޔަކު ފާހަގަކުރާގޮތުގައި އެއީ މި ޤައުމުގެ އިސްތިޤުލާލު ނަގައިލުމަށް ދުރުން ރޭވިގެން ކުޅެމުން އަންނަ “ގޭމެކެވެ.“