ޖިންސީ އަނިޔާތަކުގެ ސަބަބުން ދުނިޔެ ދޫކުރި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ރޭޕް ކުރި ކަމަށް ބުނެ އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފީ އަޑުއެހުން ސިއްރުކޮށްފިއެވެ.
މިއަދު މެންދުރު ފަހު 13:30 އަށް ތާވަލު ކޮށްފައިވާ މި މައްސަލައިގައި މީގެ ކުރިންވެސް ވަނީ 2 އަޑުއެހުމެއް ކުރިއަށ ގެންގޮސްފައެވެ. މިއީ ރާއްޖޭގައި ފިރިމީހާ، އަނިބި މީހާ ރޭޕް ކުރިކަމަށް ބުނެ މައްސަލައެއް ކޯޓުގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
ރޭޕް ކުރުން ފަދަ މައްސަލަތަކުގެ ޝަރީއަތްތަކަކީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކެކެވެ. އެހެންވެ މި މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތްތަކަކެކޭ އެއްގޮތަށް މިއަދު ތާވަލް ކޮށްފައިވާ ޝަރީއަތްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ސިއްރު ކޮށްގެންނެވެ.
ޝާހުގެ މައްޗަށް ކުރި ދައުވާތަކުގެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅީ ކުރިމިނަލް ކޯޓުން އެ ހުރިހާ ދައުވާއެއް ވެސް ސާބިތު ނުވާ ކަމަށް ނިންމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ބުނެފައިވަނީ ކުރިމިނަލް ކޯޓުން ދައުވާތައް ސާބިތު ނުވާ ކަމަށް ނިންމީ ހުށަހެޅި ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.
އެކަމާ ގުޅިގެން ޕީޖީއިން ނެރުނު ބަޔާނެއްގައި އޭރު ބުނީ ޖިންސީ ކުށުގެ ގާނޫނުގައި، މައްސަލަ ސާބިތުކުރުމަށް ބުރަދަން ދެވޭނެ ހެކިތައް ބަޔާންކޮށްފައިވީއިރު، ޒިޔާދު ނައީމް އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި، ފަރުވާދެމުންގޮސް ޒިޔާދު ނިޔާވުމާ ހަމައަށް ޒިޔާދާ އެވާހަކަތައް ކިޔައިދީފައިވާ އެކި ފަރާތްތަކުގެ އިތުރުން، ޒިޔާދާ ނައީމްއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނެގުނު ހެކިބަހަށާއި މެޑިކަލް ލިޔުންތައް ކޯޓަށް ހުށަހެޅި ކަމަށެވެ.
އޭގެ އިތުރުން ޒިޔާދާ ނައީމް އެހާދިސާއާ ގުޅޭ މައުލޫމާތު އެކިފަރާތްތަކާ ފޯނުން ހިއްސާކޮށްފައިވާތީ، ޒިޔާދާގެ ފޯނު، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއިން އެނަލައިޒްކޮށް ތައްޔާރުކުރެއްވި މޯބައިލް ފޮރެންސިކް ރިޕޯޓަށާއި، އިބްރާހީމް ޝާހު ކުށުގެ އަމަލު ހިންގީ ޒިޔާދާ ނައީމްގެ ނުރުހުމުގައިކަމަށް ޒިޔާދާ ހެކިން ގާތު ބުނެފައިވާ ބުނުމާއި، ޒިޔާދާގެ ރުހުން ނެތްކަން ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހެޅި އަދި ފާހަގަކުރި އެހެނިހެން ހެކި ގަރީނާތަކަށް ވެސް ހުށަހެޅި އެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި ބުނީ ޒިޔާދާގެ ރުހުން ނެތް ކަމަށް ދަލާލަތުކޮށްދޭ އަނިޔާތައް ޒިޔާދާ ނައީމްއަށް ލިބިފައިވާކަން އެނގޭ މެޑިކަލް ލިޔުންތަކަށްވެސް ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ނިންމެވުމުގައި އެއިން އެއްވެސް ކަމަކަށް ޝަރީއަތުން ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.