ފުލުހުން ސައިކަލެއްގައި ސްޓިކާރ ޖަހާ ވީޑިއޯ ސޯޝަލް މިޑިޔާގައި ވައިރަލްވެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސްޓިކާ ޖަހަން ޖެހުނު ސަބަބު ފުލުހުން ސާފުކޮށްދީފިއެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުން ގެ އަކަށް ވަންނަ ސިޑި ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ޓްރެފިކް 2 ފުލުހުން އައިސް ސްޓިކާ ޖެހުމަށް ފަހު އެތަނުނުން ދެއެވެ.
ގިނަ ބަޔަކު ފުލުހުންނަށް އަމާޒުކުރި ފާޑުކިޔުންތަކަށް ރައްދު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސައިކަލަކީ ހުޅުމާލެ ސޯޝަލް ހައުސިން ފްލެޓެއްގެ ސިޑި ކައިރީ، އެތަަނަށް އަރާ ފައިބާ މީހުނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި އުޅަނދެއް ކަމަށާއި އެތަނަކީ ވަކި އެޕާޓްމެންޓް އަކަށް ނިސްބަތް ނުވާ ގޮތަށް މުޅި އިމާރާތުގެ އެންމެން ބޭނުން ކުރުމަށް އޮންނަ ތަނެއް ކަމަށެވެ.
އެޗްޑީސީން މީގެ 3 މަސް ދުވަސް ކުރިން އޮންނަނީ އެތަނުގައި ވެހިކަލް ޕާކް ކުރުން މަނާކޮށްފައި ކަމަށް ފުލުހުން ހަމަކުރިއެވެ. ހުރިހާ ފްލެޓެއްގައި އުޅޭ މީހުނަށް ވެސް އެތަނުގައި ޕާކް ނުކުރުމަށް އަންގާފައިވެއެވެ. އަދި މިހާރު ފިޔަވަޅު އަޅަން ފަށާފައިވަނީ ވެސް އެކަން ހުރިހާ ފަރާތްތަކަށް އެންގުމަށް ފަހު ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދިނެވެ.