ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ލާއިންސާނީ ބޮޑެތި ޖަރީމާ ތަކެއް ހިންގަމުންދާ އިސްރާއިލް ސަރުކާރާއި އެކު ގުޅުން ބަދަހި ކުރުމަށް އިތުރު އަރަބި 5 ގައުމަކުން މަޝްވަރާތައް ކުރަމުން ދާކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ވައިޓު ހައުސްގެ ޗީފް އޮފް ސްޓާފް، މާކް މެޑޯސް ވިދާޅުވީ މި ހަފުތާގައި އިސްރާއީލާއެކު ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ޔޫއޭއީއާއި ބަހުރައިނުން ސޮއިކުރި ފަހުން އިސްރާއީލާއެކު ގުޅުންބަދަހިކުރުމުގެ ޝައުޤުވެރިކަން ފަސް ޤައުމަކުން ފައުޅުކޮށްފައިވާކަމަށެވެ.
އިސްރާއީލާއެކު ޔޫއޭއީއާއި ބަހުރައިނުން ޤާއިމްކުރި ގުޅުމުގެ ދަށުން އެ ޤައުމާއެކު ޚާރިޖީ، ވިޔަފާރީ އަދި ސަލާމަތީ ގުޅުންތައް ޤާއިމްކުރާނެއެވެ. އެގައުމު ތަކުން އިސްރާއީލްއާއިއެކު ގުޅުން ބަދަހި ކުރުމުން އެގައުމު ތަކާއި ދެކޮޅަށް މުސްލިމް ބައެއް ގައުމުތަކުން އަންނަނީ ނުރުހުން ފާޅު ކުރަމުނެނެވެ. އަދި މިކަމުގެ ސަބަބުން ފަލަސްތީނުގެ މިނިވަން ކަމަށް މިހާރަށް ވުރެއް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ނަމަވެސް މިކަމަށް ރައްދު ދެއްވާ ޔޫއޭއީގެ ސަރުކާރުން ބުނެފައި ވަނީ އިސްރާއީލް އާއިއެކު ގުޅުން ބަދަހި ކުރުމުގެ ސަބަބުން ފަލަސްތީނުގެ މިނިވަން ކަމަށް އަސަރެއް ނުކުރާނެ ކަމަށާއި، ގުޅުން ބަދަހި ކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީވެސް ފަލަސްތީނަށް މިނިވަން ކަން ހޯދައިދިނުން ކަމަށެވެ.
އެހެން ނަމަވެސް މަސްރަހު ދިރާސާ ކުރާފަރާތްތަކުން ބުނަމުން ދަނީ، ޔޫއޭއީއާއި ބަހުރައިނުން އިސްރާއީލާއެކު އެއްގަލަކަށް އަރައި ގުޅުން ޤާއިމްކޮށްފައިވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި އީރާނުގެ ބާރުގަދަވަމުންދާތީ އެ ޤައުމުގެ ނުފޫޒުކުޑަކުރުމަށް އެކުގައި މަސައްކަތްކުރުމަށެވެ.