އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ކޯވިޑް 19 ގެ ސަބަބުން ބަންދު ކުރި ރިސޯޓު ތަކުގެ ތެރެއިން 94 އިންސައްތަ ރިސޯޓުތައް އަލުން ފަތުރުވެރިންނަށް ހުޅުވާ ލެވިގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނެފިއެވެ.
ކޯވިޑް ގެ ސަބަބަބުން ރާއްޖޭގެ ބޯޑަރު ތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލެވިފައި ވާއިރު، އަންނަ މަހު މާލެ ފިޔަވާ ރާއްޖޭގައި ހުރި އެހެން ހުރިހާ ގެސްޓު ހައުސްތަކެއް ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ނޮވެމްބަރު މަހު މާލެ ސިޓީގައި ހުރި ފަތުރުވެރިންގެ ގެސްޓު ހައުސްތައް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ، ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ވަރަށް ގިނަ ރިސޯޓްތަކެއް ހުޅުވާފައިވާކަމަށެވެ. އަދި މިހިނގާ ސެޕްޓެމްބަރުމަހުގެ ތެރޭގައިވެސް އިތުރު 29 ރިސޯޓެއް އަލުން ހުޅުވާނެކަމަށާއި، އުއްމީދުކުރަނީ ރާއްޖޭގައި އޮޕަރޭޓްކުރާ 156 ރިސޯޓްގެ ތެރެއިން 146 ރިސޯޓެއް އޮކްޓޫބަރުމަސް ނިމެންވާއިރަށް ހުޅުވުންކަމަށް ތޮއްޔިބް ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާފައިވާއިރު، ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޭރުގެ މީޑިއާތަކުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ފަތުރުވެރިންނަށް ރިސޯޓުގައި ޚިދުމަތްދޭ މުވައްޒަފުންގެ ރައްކާތެރިކަމަށް ޙާއްސަ ގައިޑްލައިންތައް އެކުލަވާލާފައިވާކަން މީޑިއާތަކުން ފާހަގަކުރެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަނެއްކާވެސް ކޮޅަށް ޖެހުމަށް ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބޭރުގެ މީޑިއާތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.