މިއަދަކީ ރައީސް ނަޝީދުގެ ”ޔަހޫދީ“ ކަމާއި ”މުނާފިޤުުކަން“ ހާމަވެގެންދާ ދުވަހެއްކަމަށާއި
ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން ”ބީރުބޮލުވަޒީރު“ ކަން ލިބިވަޑައިގަންނަވާކަށް ނެތްކަމަށް ވިދާޅުވެ އަލްހާން ފަހުމީ, ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއްދެއްވައިފިއެވެ.
އަލްހާން މިހެން ވިދާޅުވީ މިއަދަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން ފާހަގަވި އެއްދުވަސްކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާއި ގުޅިގެންނެވެ. މި ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުން 19 ވަނަ ދުވަހުގައި މާފުށީ ޖަލުގައި ޤައިދީއެއްގެ ގޮތުގައި ހުރި މ.އޭސިޔާ އީވާން ނަސީމްގެ އިތުރުން ހަތަރު ޤައިދީއެއްގެ ގަޔަށް ސިފައިން ވަނީ ބަޑިޖަހައި މަރާލާފައެވެ.
ރައީސް ނަޝީދަށް ރައްދުދެއްވަމުން ޓްވިޓާގައި އަލްހާން ވިދާޅުވީ މިއަދަކީ ރައީސް ނަޝީދުގެ ”ޔަހޫދީ“ ކަމާއި ”މުނާފިޤުުކަން“ ހާމަވެގެންދިޔަ ދުވަސްކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން ”ބީރުބޮލުވަޒީރު“ ކަން ލިބިވަޑައިގަންނަވާކަށް ނެތްކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
”ބީރުބޮލުވަޒީރު“ ހޭޝްޓެގް ޖައްސަވައި އަލްހާން މި ބީދައިން ފާޑު ވިދާޅުވީ ރައީސް ނަޝީދު ރާއްޖޭގެ ބޮޑު ވަޒީރަކަށް ދަޢުވާކުރައްވާކަމަށް ގިނަބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.
”މިއަދަކީ މަނިކުފާނުގެ ޔަހޫދީ ކަމާ މުނާފިގުކަން ހާމަވެގެންދާ ދުވަހެއް! ރ މައުމޫނުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން މިއަދަކު ނެތް #ބީރުބޮލުވަޒީރު ކަން ލިބޭކަށްވެސް! ކޮންހާ ބޭކާރު ފިތުނަ ފަސާދައެއްތޯ؟ ނަގޫ ގޮށްޖެހި ގުޅިގެން ސަރުކާރު ހިންގަން ތިބެ ކާކަށްތޯ ތިޔަ އޮޅުވާލައްވަނީ؟“ (އަލްހާން ފަހުމީ)
މީގެ އިތުރުން އަލްހާން ވަނީ ވެރިކަން ލިބިވަޑައިގަންނަވާތޯ ރައީސް މައުމޫނާއި ބައިއަތު ހިއްޕަވައިގެން އެ މަނިކުފާނަށް މަޢާފްކުރައްވައި މާ ލޯބިން ސެލްފީ ނެންގެވީ ހަމަ ރައީސް ނަޝީދު ނޫންތޯ ވެސް ސުވާލުކުރައްވާފައެވެ. އަދި ރައީސް ނަޝީދު ދައްކަވަނީ ބޭކާރުވާހަތަކެއްކަމަށް ސިފަކުރައްވައި އަލްހާން ވަނީ ރައީސް ނަޝީދު ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވި ހިސާބުން ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ނިމިފައިވާކަމަށް ވެސް ވިދާޅުވެފައެވެ.