ތޯމަސް ކުކް ބަނގުރޫޓްވިތާ އަހަރެއްފަހުން އަނެއްކާ ވެސް އެކުންފުނި އޮންލައިން ޓްރެވަލް އެޖެންސީއެއްގެ ގޮތުގައި އިނގިރޭސިވިލާތާއި ޗައިނާގައި ލޯންޗުކޮށްފިއެވެ.
ޖުލައިމަހު ތޯމަސް ކުކްގެ ވިޔަފާރި ޗައިނާގައި އަލުން ފެށިއިރު، އިނގިރޭސިވިލާތުގައި މިދިޔަ ހަފްތާގައި ވަނީ އެކުންފުނީގެ ވިޔަފާރިތައް އަލުން ފަށާފައެވެ.
ޗައިނާގައި ތޯމަސް ކުކް ލޯންޗުކޮށްފައި ވަނީ ޓްރެވަލް އެޖެންސީއަށްވުރެ ވިޔަފާރި ފުޅާކުރުމަށެވެ. އެގޮތުން ލައިފްސްޓައިލްއާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް އެކުންފުނިން ފޯރުކޮށްދޭނެކަމަށާއި ހޮޓާ ބުކިންތަކާއި މުނިފޫހިފިލުވުމާއި ތަޢުލީމާއި ގުޅުންހުރި މަސައްކަތްތައް އޭގެ ތެރޭގައި ހިމެނެ ކަމަށް ތޯމަސްކުކްގެ ޗެއަރމަން ޖިމް ކިއާން ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި ކޯވިޑް-19ގެ ސަބަބުން ތޯމަސްކުކްއަށް މާބޮޑު މަސައްކަތްތަކެއް ނުކުރެވުނު ނަމަވެސް ޗައިނާގައި ފަތުރުވެރިކަން މިހާރު ކުރިއަށްދާތީ އެކަމުގެ ސަބަބުން ފައިދާތަކެއް އެކުންފުންޏަށް ކުރާނެ ކަމަށް ބެލެވެއެވެ. އަދި ފޯސަންގެ ދަށުން ހިންގާ ކްލަބް މެޑްގެ ހޮޓާތަކާއި ރިސޯޓްތައް އަލުން ހުޅުވަމުންދާއިރު، އިތުރު ރިސޯޓްތައް އެކުންފުނިން ދަނީ ތަރައްޤީކުރަމުން ކަން ފަހަގަ ކުރަމެވެ.
1841 ވަނަ އަހަރު ޤާއިމްކުރި ތޯމަސް ކުކް ބަނގުރޫޓް ވެގެންދިޔައީ އެކުންފުނީގެ 2.1 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރާނެ އެއްވެސް ގޮތެއް ނެތުމުންނެވެ. އެކުންފުނީގެ ފްލައިޓްތަކާއި ޓުއަރ ޕެކޭޖްތަކާއި ހޮޓާތައް ހަމަޖައްސައި ދިނުމުގެ ވިޔަފާރި އެކުންފުނިން އެއްކޮށް ހުއްޓާލުމުން ތޯމަސް ކުކްގެ ނަން ފަތުރުވެރިކަމުގެ ސިނާއަތުން ގެއްލިގެންދިޔައެވެ.
ތޯމަސް ކުކް ބަނގުރޫޓް ވެގެންދިޔައިރު އެކުންފުނީގެ ބޮޑު ހިއްސާއެއް އޮތް ޗައިނާގެ ފޮސަން ކުންފުނިން މިވަނީ ތޯމަސް ކުކް އަނެއްކާވެސް ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން ތޯމަސް ކުކް އަކީ މަޝްހޫރު ކްލަބް މެޑްގެވެސް ބެލެނިވެރި ކުންފުނިކަން ފަހަގަ ކުރަމެވެ.