ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 81 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ހުކުރު ދުވަހުގެ 18:00 އިން ފެށިގެން މިއަދުގެ 18:00 އާއި ހަމައަށް އިތުރު 81 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
އެ ގޮތުން ޕޮޒިޓިވްވި މީހުންގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 70 މީހުންގެ އިތުރުން އަތޮޅުތަކުގެތެރެއިން ޕޮޒިޓިވްވި 11 މީހުން ހިމެނޭކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި އޭގެތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 23 ބިދޭސީންކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.
އެހެންކަމުން ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު 9649 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ބަލިޖެހުނު މީހުންގެތެރެއިން އިތުުރު 111 މީހުން ރަނގަޅުވެ ޖުމްލަ ޢަދަދު 8188 އަށް އިތުރުވެފައިވާ ކަމަށެވެ.
އެ ގޮތުން މިހާރު ފަރުވާދެމުން އަންނަނީ 1422 މީހުންނަށްކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އަދި ފަރުވާދެމުން އަންނަ މީހުންގެތެރެއިން 106 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ހާމަކުރާގޮތުގައި ރާއްޖެއިން މި ބަލި ޖެހިގެން 33 މީހަކު މިހާތަނަށް ނިޔާވެފައިވެއެވެ.