މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤާނުނަށް ގެންނަން ބޭނުންވާ އިސްލާޙުތައް ޑްރާފްޓް ކުރުމަށްފަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒާ ހިއްސާކޮށްފިއެވެ.
ކަރެކްޝަންސްގެ ޤާނޫނީ ޓީމާއި ޖަލުތަކުގެ ޑައިރެކްޓަރުންނާ މަޝްވަރާ ކުރުމަށްފަހު ޤާނޫނަށް ގެންނަން ކޮންމެހެން ބޭނުންވާ އިސްލާޙުތައް ދެނެގަނެވިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނުގައި ބަޔާން ކޮށްފައިވާ ކަންކަމުގެ ތެރެއިން އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން ދެނެގަނެ ފައިނަލް ޑްރާފްޓެއް އެކުލަވާލުމަށްފަހު ހޯމް މިނިސްޓަރާ ހިއްސާ ކުރެވިފައިވާކަމަށް އާސިފް ފާހަގަ ކުރިއެވެ.
މުވައްޒަފުންގެ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާޙުތައް މިހާރު ހޯމް މިނިސްޓަރާ ހިއްސާ ކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސްތަޤުބަލްގައި އިސްލާޙުތައް ފާސްވެ ތަންފީޒު ކުރެވިއްޖެނަމަ، މުވައްޒަފުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ޖަލުތަކުގެ ނިޒާމަށް 50 އަހަރު ފުރުމާއި ގާތްވެފައިވާއިރު ދުނިޔޭގެ ފެންވަރުގެ ރަނގަޅު ޖަލެއް ރާއްޖޭގައި ޤާއިމުކުރެވިފައި ނެތް ކަމަށެވެ. އަދި އެއީ ކަރެކްޝަންސްއަށް މިވަގުތު އޮތް ގޮންޖެހުމެއް ކަމަށާއި އެކަމުގެ ސަބަބުން ޤައިދީންނަށް ދޭންޖެހޭ ބައެއް ޚިދުމަތްތައް މަޑުޖައްސާލަން ޖެހިފައިވާކަން އާސިފް ފާހަގަ ކުރެއްވިއެވެ.
އެކަން ޙައްލު ކުރުމަށް ނޭކުރެންދޫގައި ޖަލެއް ތަރައްޤީކުރުމާއި މާލޭ ސަރަޙައްދުގައި ބޮޑު ޖަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެ 2 ޖަލުގެ މަސައްކަތް ނިމުމުން ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެން ދާނެކަމަށެވެ.