ލިބިފައިވާ ޖިންސީ އަނިޔާތަކާގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ޒިޔާދާ ނަޢީމް ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދަޢުލަތުން ހުށަހެޅި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކެންސަލްވެއްޖެއެވެ.
ގދ.ތިނަދޫ/ޖަވާހިރުމާގެދެކުނުބައި އިބްރާހިމް ޝާހުގެ މައްޗަށް މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު 13:30 އަށެވެ.
ނަމަވެސް ހޯމްކަރަންޓީނުގައި ޝާހު ހުރުމުގެ ސަބަބުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.
ހުސްވި ހަފުތާގެތެރޭގައި ވެސް މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކުރިއެވެ. ނަމަވެސް އެ ދުވަހުގެ އަޑުއެހުން ވެސް ވަނީ ކެންސަލްވެފައެވެ.
ހުކުމަކާއި ހިސާބަށް ގޮސްފައިވާ މި މައްސަލައަށް ބަލާއިރު ލިބުނު ޖިންސީ އަނިޔާތަކާގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވާ ގދ.ތިނަދޫ/ތޭންކް, ޒިޔާދާ ނަޢީމް ރޭޕް ކުރިކަމަށް ތުހުމަތުކުރެވުނު ޝާހުގެ މައްޗަށް “ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ“ އުފުލައި ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އަޑުއެހުމެއް ބާއްވާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު 26 ގައެވެ.
އެ ދަޢުވާގެ އިތުރުން މީހަކު މަރުވެދިޔުމުގައި އިހުމާލުގެ ޢަމަލެއްކުރުމުގެ ދަޢުވާއާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ ޢަމަލެއް ހިންގުމުގެ ދަޢުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާވެސް ޝާހުގެ މައްޗަށް ކޮށްފައިވެއެވެ.
ނަމަވެސް 2019 ވަނަ އަހަރުގެ މާޗުމަހުގެ 29 ވަނަދުވަހު ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު އިބްރާހިމް ޢަލީ ވަނީ ޝާހުގެ މައްޗަށް އެއްވެސް ދަޢުވާއެއް ސާބިތުނުވާކަމަށް ވެސް ޙުކުމްކޮށްފައެވެ.