މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު އެ ހުންނެވީ މޭޔަރުކަމުގެ މަޤާމު ފޭރިގަނެގެންކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާލެއިން އެ ކަމަނާއަށް ”ހޮޅި“ މަދުކުރެވިއްޖެތޯ ސުވާލުކުރައްވާފައެވެ. އަދި ކުރީގެ ހައުސިންގް މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވަރެއްނުވެވޭނެ ވާހަކަ މި ދައްކަވަނީ އެހެންވެގެން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
”މޭޔަރ ޝިފާ މުޙައްމަދު! ކަމަނާއަށް “ހޮޅި“ މަދުކުރެވިއްޖެތޯ, އެހެންވެގެން އަޅުގަނޑުމެން މި ދަންނަވަނީ “ހޮޅި މުޢިއްޒު“ ވަރެއް ނުވާނޭ“ (ޝުޖާއު)
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ޝިފާ އެ ހުންނެވީ މޭޔަރުކަމުގެ މަޤާމު ފޭރިގަނެގެންކަމަށެވެ. އަދި މަޤާމުގައި ދެމިހުންނަވަނީ ގަދަބާރުން ކަމަށާއި ކައުންސިލުގެ ތާއީދެއްނެތްކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ހޮޅި މަދުކުރާ ވާހަކަ ޝުޖާއު ދެއްކެވި އިރު ޑރ.މުޢިއްޒުގެ މިނިސްޓަރުކަމުގައި މުޅި މާލެ ފުރެންދެން މަގުތަކުގައި ވަނީ ހޮޅިއަޅާފައެވެ. ”ހޮޅި މުޢިއްޒު“ މި ނަމަކީ ރައީސް ނަޝީދު ޑރ.މުޢިއްޒުއަށް ދެއްވާފައިވާ ނަމެކެވެ.