ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ނައިބު ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ގޮތުން މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ޙަސަންއާއި ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މަޢުޞޫމްގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމަށެވެ.
އެ ގޮތުން ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނުކުރުމަށް އިސްކަންދިނުމަށާއި ރަށްރަށުގައި ތިބެގެން ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރެއްވުމަށް ނައިބު ރައީސް އެދިވަޑއިގެންނެވިއެވެ.
އޭގެ އިތުރުން ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް މަދު ދާއިރާތަކުން އިތުރަށް ދިވެހިން ތަމްރީނުކުރުމަށްޓަކައި ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންވަނީ އެ މިނިސްޓްރީއާއި ގުޅޭ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަން ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން ތަމްރީނުވެފައިވާ މީހުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރަން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ. ހަމައެއާއެކު ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ އިސްވެރިން ވަނީ ރާއްޖެއަށް އެންމެ މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި މިހާރާއި ގުޅޭގޮތަށް އެފަދަ ކޯސްތައް ފަރުމާކުރަން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވެސް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ އިސްވެރިން ވަނީ ޚިޔާލުފާޅުކުރައްވާފައެވެ.