ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އިންޑިއާ ސަރުކާރުން މިއަދު ދިން 250 މިލިއަން ޑޮލަރުގެ ލޯނު ދިނީ އެއްވެސް ޝަރުތަކާއި ނުލާ ކަމަށް އިންޑިއާ އެމްބަސީއިން ބުނެފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ލޯނުގެ އެހީ ރާއްޖެއާއި ހަވާލު ކުރުމަށް ބޭއްވުނު ރަސްމީޔާތަށްފަހު އިންޑީއާ އެމްބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާއިން އަބަދުވެސް ރާއްޖެ ދެކެނީ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށާއި، ރާއްޖެއަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި މިއަދު އިންޑިއާ ސަރުކާރުން ދިން 250 މިލިއަން ޑޮލަރުގެ ލޯނަކީ އެއްވެސް ޝަރުތަކާއި ނުލާ ރާއްޖެއަށް ދިން ލޯނެއް ކަމަށްވެސް އެމްބަސީއިން ވަނީ ބުނެފައެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރުގެ ލޯނަކީ އިންޑިއާއިން ބުނިގޮތުގައި އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެގެން ދިން ލޯނެކެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެ ލޯނު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
މިއީ ބޭރުގެ ދަރަންޏެއްގެ ގޮތުގައި ހިމެނިގެން ނުދާނެ ކަން ފާހަގަކޮށް ހައި ކޮމިޝަނުން ވިދާޅުވީ މި އަދަދު ފޯރުކޮށް ދިނުމަށް އިންޑިއާ ސަރުކާރުން އެސްބީއައި އަށް ސޮވެރިން ގެރެންޓީއެއް ފޯރުކޮށްދީފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވިއެވެ.
ރާއްޖެ އަށް 250 މިލިޔަން ޑޮލަރުގެ ލޯނެއް ދޭނެކަން އިންޑިއާއިން ކުރިން ވަނީ އިއުލާނުކޮށްފައެވެ. އެކަން އިއުލާނުކުރެއްވީ އެ ގައުމުގެ އެކްްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭއްވެވި ވާޗުއަލް ބައްދަލުވުމެެއްގައެވެ.