މީގެ ދުވަސް ކޮޅެއް ކުރިން ކޯވިޑް 19 އަށް ފައްސިވި ކަމަށް އިއުލާން ކުރި ބަތަލާ، މަލިކާ އަރޯރާ އެބަލިން ރަނގަޅުވެފައި ވާކަމަށް އޭނާ ބުނެފިއެވެ.
ބައްޔަށް ފައްސި ވުމާއި އެކު އޭނާ ވަނީ އޭނާ ދިރިއުޅޭ ގޭގައި ކަރަންޓީނު ވެފައެވެ. ކަރަންޓީނު ވެގެން ހުރުމަށް ފަހު ބަލިން ރަނގަޅުވުމުން އޭނާ ވަނީ މީސް މީޑިއާގައި އެކަން ހިއްސާ ކޮށްފައެވެ. މަލިކާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޯވިޑް 19 ޖެހި ގޭގައި އެކަހެރި ވެގެން ހުނަން ޖެހުމުން ލިބުނު އެންމެ ބޮޑު ދެރައަކީ ދަރިފުޅާއި ބައްދަލު ނުވުން ކަމަށެވެ.
ބަލިން ފައްސިވުމުން މަލިކާ ވަނީ އޭނާގެ މެޑިކަލް ޓީމަށާއި، ގާތް އެކުވެރިންގެ އިތުރުން އަވައްޓެރިންނާއި އޭނާއަށް ތާއީދު ކުރާ ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ، ޑޮކްޓަރުންގެ ޓީމުން އޭނާއާއި މެދު ކަންކަން ބެހެއްޓި ގޮތުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔަ ކަމަށާއި، އޭނާގެ އާއިލާއާއި ރައްޓެހިންގެ އިތުރުން އަވައްޓެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން ދިން ސަޕޯޓަށް ހިތުގެ އަޑިން ޝުކުރު އަދާކުރާ ކަމަށްވެސް އޭނާ ވަނޫ ބުނެފައެވެ.
މީގެ އިތުރުން މަލިކާ ބުނީ، ކޮޓަރިން ނުކުތުމުން އިހުސާސް ކުރެވުނީ މިނިވަން ވިހެން ކަމަށާއި، ބަލިން ފަސޭހަ ވުމުން އެކަމަށް އެހީ ވެދިން އެންމެނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
މަލިކާ ބައްޔަށް ފައްސިވިއިރު އޭނާ ދިޔައީ އިންޑިއާގެ ރިއަލިޓީ ޝޯ އެއް ކަމަށްވާ އިންޑިއާސް ބެސްޓް ޑާންސާގެ ޖަޖެއްގެ މަގާމު އަދާ ކުރަމުންނެވެ.