ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
މި ކަން ހާމަކޮށް އެޗްޕީއޭއިން މިއަދު ބުނީ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެތެރެއިން އިތުރު ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އަދި ޢުމުރުން 90 އަހަރުގެ މީހެއްކަމަށާއި އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނިކޮށް ރޭ މެންދަމު 01:25 ގައިކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 34 ވަނަ މީހާކަމަށް ވެސް ބުނެފައެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މީގެ ކުރިން ނިޔާވި މީހުންގެތެރޭގައި ވެސް ޢުމުރުން ދުވަސްވީ މީހުން ގިނަކަން ފާހަގަކޮށްލަންޖެހެއެވެ.