މޯލްޑިވްސް ޑިމޮކްރެޓިކް އެސޯސިއޭޝަން(އެމްޑީއެން) އިން އިސްލާމްދީނާއި ރަސޫލާ(ޞޢވ) އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން, އެ ފަދަ ފަރާތްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ބުނުމަށް އަހަރެއްވެގެންދާއިރު ވެސް އެ ބިލާބެހޭ އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައިނުވާތީ ރައްޔިތުންގެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ އިއްތިހާދުން މއ.ބާބުލްއަވާލީ އިބްރާހިމް މުޙައްމަދު ސޮއިކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ އެމްޑީއެން އިން އިސްލާމްދީނާއި ރަސޫލާ(ޞޢވ) އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 05 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށްޓަކައި ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި މަޖިލީހަށް ބިލެއް ހުށަހަޅާނެކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް މިހާރު އަހަރެއްވެގެންދާއިރު އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކަށް ޝަރުޢީ ފިޔަވަޅެއް ނޭޅޭ ހިނދު އެ ބިލާ ބެހޭ އެއްވެސް މަޢުލޫމާތެއް ދިވެހި ރައްޔިތަކަށް އަދި އެއްވެސް މީޑިއާއަކާއި ހިއްސާކޮށްފައިނުވާތީ ކަންބޮޑުވާކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި ލާދީނީ އުދުވާންތަކުގެ ކިބައިން އިސްލާމްދީން ހިމާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ހައިސިއްޔަތުން މާތް ﷲ ކޮންމެ މީހެއްގެ ކޮނޑުގައި އަޅުއްވާފައިވާ އެންމެ އިސް ވާޖިބުކަމުގައިވުމުގެ އިތުރުން އެކަމަކީ އިސްލާމިކް މިނިސްޓްރީގެ އެންމެ މުހިންމު މަސްއޫލިއްޔަތުކަން ހަނދާންކޮށްދެއްވާކަމަށް ވެސް ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވި ބިލުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލީ ލިޔެކިޔުމެއް ހިއްސާކުރެއްވުމަށް އެދިލައްވާކަމަށް މިނިސްޓަރު ޒާހިރަށް ސިޓީގައި ވަނީ ދަންނަވާފައެވެ.