ފްލައި ޑުބާއީގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.
ޑުބާއީގެ ބަޖެޓު އެއަރލައިން ފްލައި ޑުބާއީ އިން އަލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައި މިވަނީ އަހަރަކަށް ވުރެ ގިނަ ދުވަހު ރާއްޖެއަށް ދަތުރުކުރުން ހުއްޓާލުމަށްފަހުއެވެ.
އެ އެއަރލައިނަކީ ދިވެހިންގެ ގިނަ ބަޔަކު އެކިއެކި ކަންކަމުގައި ބޭނުންކުރަމުން އައި ވަރަށް ޑިމާންޑު އޮތް އެއަރލައިންއެކެވެ. 6 އަހަރު ދުވަހު ރާއްޖެއަށް އޮޕަރޭޓުކުރުމަށްފަހު ފްލައި ޑުބާއީއިން ރާއްޖެއަށް ވަނީ އެއް އަހަރު ދުވަހަށް މެދުކަނޑާލާފައެވެ. އަދި އަލުން އެ އެއަރލައިން އިން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ގިނަ ބަޔެއްގެ އެދުމުގެ މަތިން ކަމަށް އެ އެއަރލައިން އިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެ ހިމަނައިގެން 40 މަންޒިލަކަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ އިރު ރާއްޖެއަށް ޝެޑިޔުލްކޮށް 4 ފްލައިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު، އަދި ހޮނިހިރު ދުވަހުއެވެ. ބޭރުގެ ނޫސްތަކަށް ހަވާލާދީ އެ ކުންފުނިން ބުނެފައިވަނީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެވެ.
ފްލައި ޑުބާއީ އިން އަލުން ރާއްޖެއަށް ދަތުރުތައް ހުޅުވާލުމާއި އެކު، އެ ޔޫއޭއީ އަށް 3 އެއަރލައިންއެއް ރާއްޖެއިން ދަތުރުކުރާނެއެވެ. އޭގެ ތެރޭގައި އެމިރޭޓްސް އަދި އިއްތިހާދު ހިމެނެއެވެ.