އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް 01 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މި އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ބިލުގައި ކޮމިޝަނުގެ ރައީސާއި މެންބަރުން މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެގެން މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ.
މި ގޮތުން ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި ޢަދުލުވެރިކަމާއި ވަކިފަރާތަކަށް ޖެހުމެއްނެތި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރަން ބިލުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން ކޮމިޝަނުގެ ވާޖިބު އަދާކުރުމުގައި ކޮމިޝަނުގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެނެއް ނުވާނެކަމަށާއި ކޮމިޝަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަޝްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޮމިޝަނުގެ ހުރިހާ ކަމެއްވެސް ކުރަންވާނީ ކޮމިޝަނުގެ މަޤުޞަދު ހާސިލުވާނެ ގޮތުގެމަތިން ޢާންމު މަސްލަހަތަށްޓަކައި ކަމަށާއި ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި އެކަމެއްގެ ވަގުތުގައި އެކަމަކާބެހޭ ސައްހަ މަޢުލޫމާތު ޢާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދޭންވާނެކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
ހަމައެއާއެކު ކޮމިޝަނުގެ މަސައްކަތްތައް ހިންގުމުގައާއި ކޮމިޝަނުގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި ކޮމިޝަނުގެ މަސައްކަތްތައް ކުރުމުގައާއި ކޮމިޝަނުގެ ޕްރޮގްރާމްތައް ރޭވުމުގައާއި ކޮރަޕްޝަނުގެ ޢަމަލެއް ހިނގިޔަ ނުދިނުމަށް ކުރާ ކަންކަމުގައާއި ކޮމިޝަނުގެ ތަޙުޤީޤުތައް ހިންގުމުގައާއި ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކޮމިޝަނަށް ފުރިހަމަ ޤާނޫނީ އިޚުތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވާކަމަށް ވެސް ވަނީ ބުނެފައެވެ.