އަންނަ އޮކްޓޫބަރު މަހުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކާ ޑިއުޓީ އާއި އެހެނިހެން ފައިސާ ބަލައިގަންނާނީ ކަސްޓަމްސް ޕޯޓަލް, ކަސްޓަމްސް ޕޭ ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށްކަމަށް ކަސްޓަމުން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ޚިދުމަތްތައް ކުރިއަރުވައި ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ދަޢުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ޑިޖިޓަލް/އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް އަންގަވާފައެވެ.
މި ގޮތުން ކަސްޓަމްސްއިން މިއަދު ބުނީ އަންނަ އޮކްޓޫބަރުމަހުގެ 01 ވަނަ ދުވަހުން ފެށިގެން އެ ސަރވިސްއަށް ދައްކާ ޑިއުޓީ އާއި އެހެނިހެން ފައިސާ ބަލައިގަންނާނީ ކަސްޓަމްސް ޕޯޓަލް, ކަސްޓަމްސް ޕޭ ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށްކަމަށެވެ.
މީގެ އިތުރުން ކަސްޓަމުން ވަނީ ޕޯޓަލް މެދުވެރިކޮށް ދައްކަވާ ފައިސާގެ ރަސީދު އެ ސަރވިސްގެ ޕޯޓަލް އިން ފެންނަން ހުންނާނެކަމަށާއި އެމްއާރުޓީޖީއެސް ހެދުމަށް އެދޭ ފޯމް އެ ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވެސް ބުނެފައެވެ. އަދި އެ ގޮތަށް ހަމަޖެހުމާއެކު ކޮވިޑާއި ފައިސާ ދެއްކުމަށް ބޭނުންކުރަމުންދިޔަ ބޭންކް ޓްރާންސްފަރގެ ޚިދުމަތް އޮކްޓޯބަރުމަހުގެ 01 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލެވޭނެކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.