ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީޔާތު ތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނަގައިގެން ކަމަށް ފޮރިން މިނިސްޓްރީ އިން މިއަދު ބުނެފިއެވެ.
އެމިނިސްޓްރީ އިން މިހެން ބުނެފައިވަނީ، މިނިސްޓަރ ޝާހިދު އެޗްޕީއޭގެ އެންގުން ތަކާއި ހިލާފުވެފައި ވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނުމުނެންވެ. އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެނބުރި ރާއްޖެ ވަޑައިގަތީ 19 ސެޕްޓެމްބަރުގައި، ދުބާއީއިން އައި އެމިރޭޓްސް އެއާލައިންގެ ފްލައިޓުން ކަމަށާއި، އަދި ވިދިގެން އައި ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޓްރެޜަރީ ބޮންޑް ވިއްކައިން ބޮޑު ލޯނެއް ނެގުމާ ގުޅުންހުރި ރަސްމިއްޔާތުގައި، ގިނަ ބަޔަކު އެއްކޮށްގެން މިނިސްޓަރު ޝަހިދު ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ. އަދި އެކަމާ ގުޅުގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިނިސްޓަރު ޝާހިދު ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެ ވަޑައިގެންފާ ކަމަށެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީ އިން މިއަދު ބުނެފައިވަނީ، އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންނެވީ އެޗްޕީއޭގެ ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި އެ ހުއްދައާ އެކު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިނިސްޓަރ ޝާހިދު ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން މި ބައްދަލުވުންތަކުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، ރައްޔިތުންނަށް އެއް އުސޫލެއް، ބޮޑުންނަށް ވަކި އުސޫލެއް އޮންނަ އޮތުން ދޫކޮށްލާ، މިނިސްޓަރަކަސް މަޖިލީހުގެ ރައީސަކަސް މިފަދަ އާންމު ސިއްހަތާ ގުޅޭ ކަންކަމުގައި ރައްޔިތުންނާ އެއް އުސޫލެއް ބާއްވަން ޖެހޭނެ ކަމަށެވެ.