ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އިންޑިއާގެ ސޫތުކުޅިން ރާއްޖެ އައުމަށް ފުރަތަމަ ފެރީ މިހާރު ފުރާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދު ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފެރީގެ ޚިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ ޔޫނިއަން މިނިސްޓަ އޮފް ސްޓޭޓް ފޯ ޝިޕިންގް މަންސުޚް މަންޑާވިއާއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަކުރިއެވެ.
ކުޅުދުއްފުށި ބަނދަރަށް ކާގޯ ފެރީ އަންނަކަމީ އުތުރުގެ ރަށްތަކުގެ ތަރައްޤީގެ އިތުރުން ކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޤައުމުގެ އިޤްތިޞޯދު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިއަދު ރާއްޖެ އައުމަށް ފުރި ކާގޯ ފެރީއަކީ 117 މީޓަރު ހުންނަ ”އެމްސީޕީ ލިންޒް 47“ ނަމަކަށް ކިޔާ ފެރީއެކެވެ. މި ފެރީއަކީ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.