ކަސްރަތު ކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާ ކަމަކެވެ. އަދި ކޮންމެ މީހަކުވެސް ބޭނުންވަނީ ކޮންމެ ދުވަހަކުވެސް ކޮންމެސް ވަގުތެއްގައި ކަސްރަތު ކޮށްލުމެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެނީ ވަރަށް މަދު ބަޔަކަށެވެ.
މިގޮތަށް ގަވައިދުން ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކުން ގްރޫޕް ހަދައިގެން ކަސްރަތު ކުރުމަކީ ގިނަ ދުވަހު މެދު ނުކެނޑި ކަސްރަތު ކުރުމަށް ލިބިދޭނެ ހިއްވަރެއް ކަމަށް ދިރާސާއަކުން މިވަނީ ދައްކާފައެވެ. ދިރަސާގެ ނަތީޖާގައި ވަނީ އެކަކު ހުރެ ކަސްރަތު ކުރާ މީހުން ދުވަސްކޮޅެއްގެ ތެރޭގައި ކަސްރަތާއި ދުރުވާކަން ހާމަ ކޮށްފައެވެ. އެހެން ނަމަވެސް ދެ މީހުންނަށް ވުރެއް އިތުރަށް ގްރޫޕް ހަދައިގެން ކަސްރަތު ކުރާ ފަރާތްތަށް ގިނަ ދުވަސް ވަންދެން މެދު ކެނޑުމެއް ނެތި ކަސްރަތު ކުރުމުގައި ދެމި ތިބޭކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ. ސަބަބަކީ އެކަނި ހުރެ ކަސްރަތު ކުރަން ޖެހުމުގެ ސަބަބުން ފޫހިވުމުގެ ފުރުސަތު އޮންނާތީ ކަމަށްވެސް ދިރާސާއިން ވަނި ހާމަވެގެން ގޮސްފައެވެ
މީގެ އިތުރުން ”އިންޓަނޭޝަނަލް ޖާނަލް އޮފް ޓެކްނޮލޮޖީ އެސެސްމަންޓް އިން ހެލްތް ކެއަރ“ ގެ ނަމުގައި އާއްމުކޮށްފައިވާ ޖާނަލްގައި ބުނެފައިވާގޮތުން، ދެތިން މީހަކު އެއްވެގެން ނުވަތަ އެއަށްވުރެވެސް ގިނަ މީހުންގެ ގުރޫޕަކުން އެކުގައި، ކަސްރަތުކޮށް، އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރުމަކީ މާ ފައިދާ ހުރި ގޮތެކެވެ. އަދި، މިކަމުގެ ސަބަބުން އިތުރު އެތައް ޞިއްޙީ ފައިދާއެއް ލިބޭކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން، ބައެއް ބާވަތްތަކުގެ ކަސްރަތަކީ، އޭގެން އެތައް ގިނަގުނަ ފައިދާތަކެއް ލިބޭ ކަސްރަތުތަކެއްކަމަށްވެސް އެޖާނަލްގައި ބުނެފައިވެއެވެ. އެގޮތުން، ބޫޓް ކޭމްޕްތަކަކީ ވަރަށް ފައިދާހުރި އަދި ނަތީޖާ ފެންނަ ހަރަކާތެއްކަމަށްވެސް ބުނެފައެވެ. އަދި، މޫދު ކަސްރަތު ނުވަތަ ފެނުގައި ކުރާ ކަސްރަތަކީވެސް ރަނގަޅު ބާވަތެއްކަމަށްވެސް ބުނެފައިވެއެވެ.
އެހެން ނަމަވެސް މިދުވަސް ވަރަކީ ކޯވިޑް 19 ގެ ނުރައްކާ އިންތިހާއަށް ބޮޑު ދުވަސް ވަރެއް ކަމުން ގްރޫޕް ހަދައިގެން ކަސްރަތު ކުރާނަމަ ވިހާވެސް ބޮޑަށް އެކަކު އަނެކަކާއި ގައިގޯޅި ނުވާނެ ގޮތެއް ހޯދުން މުހިއްމެވެ. އަދި ސިއްހީ އިދާރާ ތަކުންދޭ އިރުޝާދު ތަކަށް ފުރިހަމަޔަށް ކިޔަމަންވެ ތިބުމަކީވެސް މުހިއްމު ކަމެކެވެ.