ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާޣެ މެމްބަރު ހުސެއިން ޝަހީމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެކު ވީހާލެއްގައި ވާން ތައްޔާރަށް ހުރިކަމަށް ވިދާޅުވެއްޖެއެވެ.
އަނދުން ހުސެއިން އަކީ މީގެ ކުރިން ނުސީދާކޮށް ރައީސް ސޯލިހުއަށް ފާޑު ވިދާޅުވަމުން ދިޔަ ބޭފުޅެކެވެ. މީގެ ކުރިން އެމަނިކުފާނު ވަރަށް ބޮޑަށް ރައީސް ނަޝީދުއަށް ތައުރީފް ކުރައްވާ ރައީސް ނަޝީދުގެ އަމަލުތައް ދިފާއު ކުރަމުން ގެންދެވިއެވެ.
އެހެން ނަމަވެސް ރޭގެ ވަގުތެއްގައި އަނދުން ހުސެއިން ވަނީ، އެމަނުކުފާނު ރައީސް ސޯލިހުއަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ސޯލިހު އާއި އެކު ވީހާލެއްގައި ވާން ތައްޔާރަށް ހުންނެވި ކަމަށާއި، ރައީސް ސޯލިހުއަކީ ކަންކަން ކުރުމުގައި ގާބިލު އަދި ވިސްނުން ތޫނު ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
އެމްޑީޕީ ތެރޭގައި މިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ރައީސް ނަޝީދު އާއި އެކު މި މައްސަލާގައި ތިއްބެވިއިރު އަނެއްބައި ބޭފުޅުން ތިއްބެވީ ރައީސް ސޯލިހު އާއި އެކުއެވެ.
މިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވުމަށް އިސްކޮށް ހަރަކާތްތެރިވަނީ ރައީސް މުހައްމަދު ނަޝީދު އެވެ. އަދި އެކަން ކޮށްދިނުމަށް އެދި އެމަނިކުފާނު ވަނީ އެމްޑީޕީގެ މެމްބަރުންނަށް ސިޓީ އެއްވެސް ފޮނުވާފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލުހި ވިދާޅުވީ، އެމަނިކުފާނުގެ ފުރިހަމަ އިތުބާރު މިނިސްޓަރ ފައްޔާޒް އަށް އެބައޮތް ކަމަށާއި، ފައްޔާޒް ވަކި ކުރުމުގެ ވިސްނުން ފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.
އަނދުން ހުސެއިންގެ ރާގު ކުއްލި އަކަށް ބަދަލުވުމާއި އެކު، ބައެއް މީހުން ބުނަމުންދަނީ ރައީސް ނަޝީދު ހަލާކުކޮށްލުމުގައި އެންމެ އަރިހުގައި، މާ ގާތް، އިޚުލާސްތެރި މީހަކަށް ވެގެން އަނދުން ހުސެއިން އުޅުނަސް، އޭނާގެ ހަގީގަތް އެނގޭ ކަމަށެވެ.