އައްޑޫ ސިޓީގެ 04 ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އައްޑޫ ސިޓީގެ ކުޑަ ކަނޑު ސަރަހައްދާއި މާކިޅިއާއި ފެހެލެކިޅި ސަރަހައްދާއި، މާފިށި ކިޅި ސަރަހައްދާއި، މަތި ކިޅި ސަރަހައްދަކީ މިއަދުން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އަދި މި ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރަމުންދާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާއި ބެހޭ ޤަވާއިދު ގައިވާގޮތުގެ މަތިންކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ސަރަައްހައްދުތައް ހިމާޔަތްކުރަން ނިންމާފައިވާއިރު ކުޑަ ކަނޑު ސަރަހައްދަކީ ގަލާއި މުރަކަ އަދި އެކި ބާވަތްބާވަތުގެ މަސްމަހާމެހީގެ ދިރުންތައް ގިނަ ގުދުރަތީ މުއްސަނދި ސަރަހައްދެކެވެ. މާކިޅިއާއި ފެހެލ ކިޅިއަކީ އައްޑޫ ސިޓީގެ ހިތަދޫ އިރު ދެކުނު ފަރާތުގައި އޮންނަ ޗަސް ބިމުގައި ހެދިފައިވާ ދެ ކުޅިއެވެ. މި ސަަރަހައްދުގެ ދިރުންތަކަށް ބަލާއިރު މޫސުމީ ދޫންޏާއި ކުޅިފަލުގައި ހެދޭ ބާވަތުގެ ގަހެއްކަމަށްވާ ބުރެވި ހުރެއެވެ.
މީގެ އިތުރުން މާފިށިކިޅިއަކީ އައްޑޫ ސިޓީ ހުޅުދޫ ދެކުނުފަރާތު ކޮޅުގައިވާ ޗަސްބިން ސަރަހައްދުގައިވާ ކުޅިއެކެވެ. އަދި މަތިކިޅި ސަރަހައްދަކީ ހުޅުދޫމީދޫގެ އިރުމަތީ ފަރާތުގައި އޮންނަ ޗަސްބިން ސަރަހައްދެކެވެ.