ކަރަންޓީނުގައި ހުންނަވާ ރަސްމީޔާތެއްގައި ބައިވެރިވުމުގެ ހުއްދަ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއަށް ދިނީ ސަރުކާރުގެ ރަސްމީ މަސައްކަތެއް ކުރުމަށް ކަމަށް އެޗްއީއޯސީ އިން ރޭ ބުނެފިއެވެ.
ޝާހިދުވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން އެހީ އާއި ހަވާލުވުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމީޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އެކަމާއި ގުޅިގެން ގިނަބައެއްގެ ނުރުހުން އަމާޒު ވުމުން ފޮރިން މިނިސްޓްރީ އިން ވަނީ މިނިސްޓަރ ޝާހިދު ރަސްމީޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ އެޗްޕީއޭއިން ހުއްދަ ދިނުމުން ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައިވެސް ރަސްމީޔާތު ތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަރަންޓީނުގައި ހުންނައިރު އާއްމު ފަރާތްތަކަށް ވެސް ވަކި ހާއްސަ ހާލަތެއްގައި ވަކި އުސޫލުތަކެއްގެ މަތިން ވަކި ކަމަކަށް ދާން ނޫނީ ވަކި ކަމަކަށް ނުކުންނަން ޖެހޭތީ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ޝާހިދު ވެސް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ ދިނީ އެ އުސޫލުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިނިސްޓަރ ޝާހިދު ރަސްމީޔާތުގައި ބައިވެރި ވުމުގެ ސަބަބުން އިދިކޮޅު ކޯލިޝަނުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ބުނެފައި ވަނީ، ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެނބުރި ރާއްޖެ ވަޑައިގަތީ 19 ސެޕްޓެމްބަރުގައި، ދުބާއީއިން އައި އެމިރޭޓްސް އެއާލައިންގެ ފްލައިޓުން ކަމަށާއި، އަދި ވިދިގެން އައި ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޓްރެޜަރީ ބޮންޑް ވިއްކައިން ބޮޑު ލޯނެއް ނެގުމާ ގުޅުންހުރި ރަސްމިއްޔާތުގައި، ގިނަ ބަޔަކު އެއްކޮށްގެން މިނިސްޓަރު ޝަހިދު ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.
އަދި އެކަމާ ގުޅުގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިނިސްޓަރު ޝާހިދު ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެ ވަޑައިގެންފާ ކަމަށްވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.