ޖޫން މަހުގެ ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނު އިންޑީއާގެ ޒުވާން ބަތަލް ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގު ކުރިއަށް ދާއިރު، އޭނާއަށް މަސްތުވާ ތަކެތިދީ އެތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ލޯބިވެރިޔާ ރިއާ އަދި އޭނާގެ ކޮއްކޮ ޝޯވިކްގެ ބަންދުގެ މުއްދަތު އޮކްޓޯބަރު 6 ވަނަ ދުވަހާއި ހަމަޔަށް އިތުރު ކޮށްފިއެވެ.
ރިއާ އަދި އޭނާގެ ކޮއްކޮ ހައްޔަރު ކޮށްފައިވަނީ ގިނަ ދުވަސް ތަކެއް ވަންދެން މައްސަލަ ތަހުގީގު ކުރުމަށް ފަހުއެވެ. އަދި ފުރަތަމަ ރިއާ މަސްތުވާ ތަކެތި ބޭނުން ނުކުރާކަމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ތަހުގީގުގައި ބުނި ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ. އެހެން ނަމަވެސް ރިއާ ބުނެފައިވަނީ އޭނާ ސުޝާންތާއި ދިމާވުމުގެ ކުރިންވެސް ސުޝާންތު މަސްތުވާ ތަކެތި ބޭނުން ކުރަމުން ދިޔަ ކަމަށެވެ. އަދި އެންސީބީގެ ތަހުގީގަށް ރިއާ ވަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސްތުވާ ތަކެތި ބޭނުން ކުރާ ގިނަ އަދަދެއްގެ ތަރިންގެ ނަން ހިއްސާ ކޮށްފައެވެ.
މީގެ އިތުރުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންސީބީ އަށް ދިން ބަޔާންތަކުގައި ރިއާ ވަނީ ސުޝާންތަށް މަސްތުވާތަކެތި ހޯދައިދޭން މަސައްކަތްތައް ކުރި ކަމަށާއި އޭނާގެ ކޮއްކޮ މެދުވެރިކޮށް އެފަދަ މުއާމަލާތްތައް ހިންގާ ބައެއްގެ މަސްތުވާތަކެތި ސަޕްލައިކުރުވާފައި ކަމަށެވެ. އަދި 2018 އިން ފެށިގެން ސުޝާންތަކީ މެރުއާނާ އަށް އެޑިކްޓްވެފައިވާ މީހެއް ކަމަށާއި އެކަން ހުއްޓުވަން މަސައްކަތްކޮށްފައިވާ ކަމަށް ރިއާ ބުނެފައިވެ އެވެ. ނަމަވެސް ސުޝާންތު މަޖުބޫރުކޮށްގެން އަމިއްލަ އަށް ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ރިއާގެ ބަޔާންތަކުގައި ބުނެފައިވެ އެވެ.
ރިއާ ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން މިނިވަންކޮށް ދޭން އެދި މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ގާނޫނީ ޓީމުގެ ފަރާތުން ހުށަހެޅި ނަމަވެސް އެކަން ކޯޓުން ވަނީ ބަލައިނުގެންފަ އެވެ.