ކުދި ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް މިހާތަނަށް 283 މިލިއަން ރުފިޔާ ކޯވިޑް-19 ސަބަބުން ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ގެ ނިޔަލަށް 1،720 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި ލޯނަށް އެދި 3،456 ފަރާތަކުން ހުށަހެޅިއެވެ.
ލޯނަށް އެދި ހުށަހެޅި އެޕްލިކޭޝަން ތެރެއިން 557 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާހުރެ ވަނީ ރިޖެކްޓުކޮށްފައިވެއެވެ.
ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 227 ވިޔަފާރިއަކަށް 51.9 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ދަތުރުފަތުރުގެ ދާއިރާ އަށް 19.2 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ.
އަމިއްލަ މަސައްކަތްކުރާ 1،671 މީހުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 575 ފަރާތަކަށް، 17.2 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ.
ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އިޢުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ.