ދިވެހި މަސްވެރިކަމަށް ޚާއްސަކޮށްގެން އޮންލައިން ނޫހެއް މިއަދު އިފްތިތާޙް ކޮށްފިއެވެ.
މަސްވެރިކަމަށް ޚާއްސަކޮށްގެން މިއަދު އިފްތިތާޙްކުރި އޮންލައން ނޫހަކީ މަސްވެރިކަން ކުރިއަރުވައި މަސްވެރިންގެ ޙައްޤުގައި އަޑު އުފުލުމުގެ ގޮތުން ދިވެހި މަސްވެރިންގެ މީޑިއާއިން އުފައްދާފައިވާ ވެބްސައިޓެކެވެ.
މަސްވެރިން ޑޮޓް އެމްވީގެ (masverin.mv) ނަމުގައި އިފްތިތާޙުކުރި ވެބްސައިޓުގައި ދިވެހި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަސްވެރިކަމާއި ގުޅޭ ޚަބަރާއި އެކި މަޢުލޫމާތުތައް ހިއްސާކުރާނެކަމަށް މަސްވެރިންގެ މީޑިއާއިން މަޢުލޫމާތުދެއެވެ.
އޭގެ އިތުރުން މަސްވެރިކަމާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކާއި ބެހޭ މުހިންމު މަޢުލޫމާތުތަކުގެ އިތުރުން މަސްވެރިކަމާއި ގުޅުންހުރި ބައެއް ތަފާސް ހިސާބުތައް ވެސް މި ނޫހުގެ ޒަރީޢާއިން ލިބިގެންދާނެކަމަށް މަސްވެރިންގެ މީޑިއާއިން ބުނެއެވެ.
މި ނޫހަށް ބަލައިލާއިރު މަސްވެރިންނަށް ޚާއްސަކޮށް ”މަސްވެރިންގެ އަޑު“ ގެނެސްދިނުމަށް ޚާއްސަ ބައެއް ހިމަނާފައިވާނެކަމަށް ވެސް މަސްވެރިންގެ މީޑިއާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މަސްވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި މަސްމަހާމެހީގެ މަޢުލޫމާތުތައް ހިމެނިފައިވާނެކަމަށާއި އެ ނޫހަކީ ކިޔަވާ ކުދިންނަށާއި މަސްވެރިކަމާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއް ލިބޭނެ ފަދަ ގޮތަކަށް ބައްޓަން ކޮށްފައިވާ ނޫހެއްކަމަށް ވެސް މަސްވެރިންގެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު އަންނަ ހަފްތާގެތެރޭގައި މަސްވެރިން އެމްވީގެ އިނގިރޭސި ނޫސް ލޯންޗް ކުރެވޭނެކަމަށް ވެސް ވަނީ ބުނެފައެވެ.