ތިން ޤައުމަކަށް މިއަދު ސަފީރުން ޢައްޔަން ކުރައްވައިފިއެވެ.
މި ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބޭފުޅުން ޢައްޔަންކުރައްވާފައިވަނީ އިންޑިއާއާއި އެކުވެރި ޢަރަބި ޢިމާރާތާއި ޕާކިސްތާނު މި ތިން ޤައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތަކަށެވެ.
އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ރައީސް ޞާލިޙް ޢައްޔަންކުރައްވާފައިވަނީ ހ.ނިޔާސާ ޑރ.ޙުސައިން ނިޔާޒެވެ. އޭގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ހ.މިސްޓީލޮޖް އާމިނަތު ޝަބީނާ ޢައްޔަންކުރައްވާފައިވާއިރު ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ގ.ޗޭނުގެ ފަރުޒާނާ ޒާހިރެވެ.
މި ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުންނަށް ވަނީ މަޤާމުގެ ފަތްކޮޅު ދެއްވާފައެވެ.
އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ރައީސް ޞާލިޙް ޢައްޔަންކުރެއްވި ޑރ.ޙުސައިން ނިޔާޒު މީގެ ކުރިން ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި އާމިނަތު ޝަބީނާ މީގެ ކުރިން ފުރުއްވަމުންގެންދެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމެވެ. ހަމައެއާއެކު ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ފަރުޒާނާ ޒާހިރު ވެސް މީގެ ކުރިން ފުރުއްވަމުން ގެންދެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމެވެ.