ހދ. ކުޅުދުއްފުށީ އަދި ގދ. ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ކޮށްފައިވާ އިޢުލާންގައި ވަނީ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
ކުޅުދުފުއްޓާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 2،300،000 ރުފިޔާ ދައްކަން ޖެހޭ ކަމަށް އިޢުލާންގައިވެއެވެ.
މީގެއިތުރުން، މަނަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 1،250،000 ރުފިޔާ ދައްކަން ޖެހޭއެވެ.
މި މަސައްކަތްތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ މަތިން ކަމަށް ފިނޭސުން ހަމަކުރެއެވެ.
ބީލަމެއްގައި ބައިވެރިވުމަށް 1,500 ރުފިޔާ ނުވަތަ އެއަދަށްވާ 100 ޔޫއެސް ޑޮލަރގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.
އަންނަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް އެފައިސާ ބަލައިގަންނާނެއެވެ.
ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފިނޭންސް މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުއްވަން ޖެހެއެވެ.
މި ޕްރޮޖެކްޓުތަކުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.