އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ މެންބަރެއް ކަމަށްވާ ދި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ބޭންކް އޮފް މޯލްޑިވްސްއަށް ފަސް މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސައިދީފިއެވެ.
ބީއެމްއެލުން ހަމަކުރި ގޮތުގައި އެ ކޯޕަރޭޝަނުން ހަމަޖައްސައިދިން ފަސް މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީ އަކީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި ހާއްސަކޮށް ރާއްޖޭން ބޭރުގެ މާކެޓްތަކުން މުދާ ގެންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކަށް ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީއެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް ނުހަނު ބޮޑަށް އަސަރުކޮށްފައިވާއިރު ބޭންކުން ދަނީ ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެކި މަސައްކަތްތައް ކުރަމުން ކަމަށެވެ.
”މި މަސައްކަތުގެ ތެރެއިން އައިޓީއެފްސީން ވިޔަފާރިތަކަށް ހާއްސަކޮށް ފަސް މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން އެއް ހަމަޖެހިގެންދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް. ވިޔަފާރިތައް ކުރިއެރުވުމަށް މި ފައިނޭންސް އެހީތެރިވެދެވޭނެ.“ ސޯޔާ ވިދާޅުވި އެވެ.
އައިޓީއެފްސީގެ ސީއީއޯ އީއެންޖީ ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި، އަދި މުދާ އިމްޕޯޓްކުރުމަށް ބީއެމްއެލްއާ ގުޅިގެން މި ފައިނޭންސް ތައާރަފް ކުރެވޭކަމީ ލިބޭ ފަޙުރެއް ކަމަށެވެ.
އައިޓީއެފްސީން މިވަގުތު ދޫކުރުމުންދާ ފައިނޭންސް ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޯންސް ޕެކޭޖުގެ ދަށުން މި ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ޤައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ރާއްޖޭގެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.