ގދ. އަތޮޅު ހޯނޑެއްދޫއިން އިތުރު މީހަކު ކޯވިޑް 19 އަށް ފައްސި ވުމާއިއެކު އެރަށުން ފައްސިވި މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.
މާލެ ފިޔަވާ އެންމެ ގިނަބަޔަކު ފައްސިވެފައި ވަނީ ހޯނޑެއްދޫއިންނެވެ. މީގެ އިތުރުން މިހާރު ހަމައެކަނި މޮނީޓަރިންގ ގައިވެސް އޮތީ ހޯނޑެއްދޫކަން ފާހަގަ ކޮށްލެވެއެވެ. ހޯނޑެއްދުއިން އިތުރު މީހަކު ކޯވިޑް 19 އަށް ފައްސިވިކަން އެރަށު ކައުންސިލުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ހޯނޑެއްދޫން މިހާތަނަށް 369 މީހެއްގެ ސާމްޕަލް ނަގާފައިވާ އިރު، ރޭ 10:00ގެ ނިޔަލަށް ނަތީޖާ ނުލިބި 14 ސާމްޕަލް ހުއްޓެވެ. އެރަށުން ބަލި ޖެހުނު މިހުންގެ ތެރެއިން 30 މީހަކު ބަލިން ފަސޭހަވެފައިވާ އިރު، އެރަށުގައި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 13 މީހެކެވެ. އަދި ދެމީހަކަށް ފަރުވާ ދެމުން އަންނަނީ ގއ. ވިލިގިނގިލީގައި ސަރުކާރުން ގާއިމް ކޯށްފައިވާ ކޯވިޑް ފެސިލިޓީގައެވެ.
ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އޭގެ ފަހުން އެރަށުގެ އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި އޭގެ ފަހުން އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހޯނޑެއްދޫގައި ކޯވިޑް 19 ފެތުރެން މެދުވެރިވި ސަބަބު ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މިހާރު އަންނަނީ ހާއްސަ ތަހުގީގެއް ހިންގަމުންނެވެ.