ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޗައިނާ އުފެދުނުތާ 71 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ބޭއްވި ވީޑިއޯ ރިސެޕްޝަންގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞޯދު އިޔާދަކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ކަމަށެވެ.
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނީ މީގެ 1949 ވަނަ އަހަރުގައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު މެދުކެނޑިފައި އޮތް ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން ވީހާވެސް އަވަހަށް އަލުން ފަށައިގަންނަން ޖެހޭ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ޖެހޭކަމަށެވެ.
ޗައިނާގެ ސަރުކާރުންނާއި އެގައުމުގެ ކުންފުނިތަކުން ކޯވިޑް-19 ބަލިމަޑުކަމުގައި ވެސް ރާއްޖެއަށް ބޮޑެތި އެހީތަކެއްް ވެދީފައިވާ ކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ޗައިނާގެ ފާމަސޫޓިކަލް ކުންފުނިތަކުން އުފައްދަމުން އަންނަ ވެކްސިންތަކުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ހާރިޖީ ގުޅުން ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކުރިތާ 48 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ، 2 ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ތާރީޙީ ގޮތުން ވަރުގަދަ ގުޅުމެއް ކަމަށެވެ.