ރާއްޖޭގައި ކުރާނެ ނުކުރާނެ މަސައްކަތާއި ކަންކަން ނިންމުމުގެ ބާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ޙައްޤެއްކަމަށް މާވަށުދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅިގެން އިންޑިއާގެ ހައިކޮމިޝަނުން ދެއްކި ވާހަކައަކާއި ގުޅިގެންނެވެ. ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި ގޮތުން އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމަކުން މިހާރުވަނީ ސާވޭގެ މަަސައްކަތް ވެސް ފަށާފައެވެ.
މި ގޮތުން އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ އިންޖީނަށްކަމަށާއި މަޝްރޫޢުގެ ސަބަބުން ލޯކަލް އިންވެސްޓްމަންޓްތަކާއި ބޭރުގެ އިންވެސްޓްމަންޓްތައް އުފެދިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢުއާއި ކޮޗިން-ކުޅުދުއްފުށި ފެރީގެ ޚިދުމަތަކީ ރާއްޖޭގެ އުތުރު ބާރުވެރިކުރަން އިންޑިއާއިންދޭ އެހީކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ވާހަކަތަކާއި ގުޅިގެން ސަޢީދު ކުރެއްވި ޓްވީޓުގައި ވަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސަޢީދު ވިދާޅުވީ ރާއްޖޭގައި ކުރާނެ ނުކުރާނެ މަސައްކަތާއި ކަންކަން ނިންމުމުގެ ބާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ޙައްޤެއްކަމަށާއި އެ ކަންކަން ނިންމާނީ ބޭރުގެ ޤައުމަކުން ނޫންކަމަށެވެ. އަދި ޤައުމު މި ދަރަޖައަށް ވެއްޓުމަށްވުރެ ވަކިން ބޮޑު ނުރައްކަލާއި ނިކަމެތިކަމެއް ނޯންނާނެކަމަށް ވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.
ސަޢީދު މި މޭރުމުން ފާޑު ވިދާޅުވިއިރު ސަރުކާރަށް ތާއީދުކުރާ ބޭފުޅުން ވިދާޅުވަނީ އިންޑިއާއިން ރާއްޖޭގެ އުތުރުގައި ހިންގާ މަޝްރޫޢުތަކަކީ ތަރައްޤީއަށް ހުޅުވައިލެވޭ އިތުރު ދޮރެއްކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަނީ އެ ކަންކަމީ އެއްވެސް މަންފާއެއް ނެތް ދަޅަދެއްކުމެއްކަމަށާއި އެ އުޅެނީ ޤައުމުގެ މިނިވަންކަން ނަގައިލުމަށްކަމަށެވެ.