ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު އަންނަ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރުމަށްޓަކައި އެ މީހާ ހޯދަން އިޢުލާނުކޮށްފިއެވެ.
މި ގޮތުން ފުލުހުން ހޯދަން އިޢުލާނުކޮށްފައިވަނީ ތ.ތިމަރަފުށީ/އަސަރީގެ ޢުމުރުން 59 އަހަރުގެ
ޙަސަން ނިޒާރެވެ.
ފުލުހުން ބުނިގޮތުގައި ޙަސަން ނިޒާރު ހޯދުމަށް އިޢުލާނުކުރީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން އެ މައްސަލައިގެ ތަޙުޤީޤަށެވެ. އަދި މި ގޮތަށް އިޢުލާނުކުރީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ ގޮތުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެމަތިން އަންނަ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ތިމަރަފުށީ ޕޮލިސް ސްޓޭޝަނަށް ނިޒާރު ހާޒިރުވުމަށް އަންގައި އިޢުލާނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.