ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ(މޮސްޓާ)ގެ އެއްވެސް ބައިވެރިވުމެއް ނެތަސް ބޮޑުތިލަދުންމަތީގެ ތަރައްޤީ މި ފަހަރު ފުރިހަމަ ކުރައްވާނެކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިހެން ވިދާޅުވީ މެންބަރު ނަޝީދު ދެއްކެވި ވާހަކައަކަށް ދެއްވި ރައްދުގައެވެ. ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ތިލަދުންމަތީގެ ހުރިހައި އެމްޑީޕީ މެންބަރުން ޤައުމު ވިއްކައިލުމުގައި ބައިވެރިވެވަޑައިގަތަސް ފަހު ނޭވަޔާ ޖެހެންދެން އެކަމާއި އަޑު އުފުއްލަވާނެކަމަށެވެ.
ނަޝީދު މިހެން ވިދާޅުވިއިރު ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓީމާއި އެއްކޮށް ތިލަދުންމަތީގެ ދާއިރާތަކުގެ އެމްޑީޕީ މެންބަރުން ތިއްބެވި މަންޒަރު ދައްކައިދޭ ފޮޓޯއެއް ވެސް ނަޝީދު ވަނީ ހިއްސާކުރައްވާފައެވެ.
މެންބަރު ނަޝީދުގެ މި ވާހަކައަށް ރައްދު ދެއްވަމުން ޝިފާއު ވިދާޅުވީ ބަޔަކު ޤައުމު ވިއްކާލާކަށެއް ނޫޅޭކަމަށެވެ. އަދި މެންބަރު ނަޝީދުގެ އެއްވެސް ބައިވެރިވުމެއް ނެތަސް ބޮޑުތިލަދުންމަތީގެ ތަރައްޤީ މި ފަހަރު ފުރިހަމަ ކުރައްވާނެކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.
އޭގެ އިތުރުން ޝިފާއު ވަނީ ރާއްޖޭގެ އިޤުތިސާދުގެ އެއްބަހާކަމުގައި ބޮޑުތިލަދުންމަތި ހައްދަވާނެކަމަށާއި
ރައްޔިތުން އެދެނީ ތަނަވަސްކަންކަމަށް ވިދާޅުވެފައެވެ.