އެމެރިކާގެ މައްޝޫރު މޮޑެލް ޖީޖީ ހަދީދް އަދި އޭނާގެ ލޯބިވެރިޔާ ޒޭން މާލިކް އަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.
އަންހެން ދަރިފުޅުގެ ފޮޓޯ ޓުއިޓާ އަށް ހިއްސާ ކުރަމުން ޒޭން ކުރި ޕޯސްޓުގައި ބުނީ، ދަރިފުޅުގެ ސިއްހަތު ރަނގަޅު ކަމަށާއި އޭނާއަށް މިވަގުތު ކުރެވެމުންދާ އިހުސާސްތައް ބަޔާންކުރަން ނޭނގޭ ކަމަށެވެ. އަދި އަމިއްލަ ދަރިއެއް ލިބިފައިވާތީ އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށް ޒޭން ބުންޏެވެ. އަދި ދަރިފުޅުގެ ސަބަބުން ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޖިޖީ ދަރިއަށް ބަލިވެ އިން ކަމަށް އާންމުކުރީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެކި ފަހަރު މަތިން ބަނޑު ބޮޑުއިރުގެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ. ދަރިފުޅުގެ އަތުގައި ހިފައިގެން ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ޖީޖީ ބުނެފައިވަނީ ދެމީހުންގެ އަލަތު ދަރިފުޅު ދުނިޔެޔަށް މިދިޔަ ހަފްތާ ބަންދުގައި މަރުހަބާ ކިޔާފައި ވާކަމަށާއި، ދަރިފުޅުގެ ސަބަބުން މިހާރުވެސް މުޅި ދުނިޔެ ބަދަލުވެފައި ވާކަމަށެވެ.
ޖިޖީ އަދި ޒޭން ލޯބީގެ ގުޅުން ފެށުނީ 2015 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރު މާރިޗް މަސް ތެރޭގައި ދެ މީހުން ރުޅި ވިއެވެ. އަދި އަނެއްކާވެސް ދެ މީހުން އެކުގައި ތަންތަނުން ފެންނަން ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަސް ތެރޭގައެވެ.
ޒޭން ބޮޑަށް މަޝްހޫރުވެފައި ވަނީ އޮން ޑައިރެކްޝަން ބޭންޑުންނެވެ. އޭނާ ވަނީ ފަހުން އެ ބޭންޑް ދޫކޮށް، އެކަނި ލަވަތައް ހުށަހަޅަން ފަށާފައެވެ. އޭނާގެ ފުރަތަމަ އަމިއްލަ ލަވައެއް ނެރުނީ 2016 ވަނަ އަހަރު އެވެ.
ޖިޖީ އަކީ މަޝްހޫރު މޮޑެލްއެކެވެ. އޭނާ ވަނީ މަޝްހޫރު ޑިޒައިނަރުންނާއެކު މަސައްކަތް ކޮށްފައެވެ.