މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ޞާލިޙް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށް ހަމަވާނެކަމަށެވެ.
މި ގޮތުން އިނާމަށް އެދި ހުށަހަޅާ ފޯމުތައް ޚާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސް އޮފީހަށް ފޮނުވުމަށް ވަނީ އެދިފައެވެ. ރައީސް އޮފީހުން ބުނާގޮތުގައި ޚާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި އޮފީހުން ލިބޭނެއެވެ. އޭގެ އިތުރުން އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމު މި އަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ 04 ގިންތިއަކުންނެވެ.
އެ ގިންތި ތަކުގެތެރޭގައި ހިމެނެނީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދެއްވާ ގިންތިއާއި ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ އެ ފަދަ އެހެނ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއާއި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
އޭގެ އިތުރުން ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ. މިއީ މި ފަހަރު އަލަށް އިތުރުކުރެވުނު ގިންތިއެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.