މާޝަލް އާރޓްސް ދަސްކޮށްދިނުމަށް ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ދޫކޮށްފައިވާކަމަށް
ޔޫތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރައްވާފައިވާއިރު މާޝަލް އާރޓްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަންގެ ނައިބް ރައީސް އަބްދުﷲ ފިރުޝާން ޢަލީއެވެ.
ޝާރކްސް މާޝަލް އާޓްސް އެކަޑަމީއާއި ކޫޑޯ މޯލްޑިވްސްއާއި މޯލްޑިވްސް ޓައިކްވަންޑޯ ފެޑެރޭޝަނާއި މޯލްޑިވްސް އައިކިޑޯ އެސޯސިއޭޝަނާއި ކްރޭވް މެގާ އާއި މޯލްޑިވްސް ވޫޝޫ ފެޑެރޭޝަންއާއި ގުޅިގެން އެ އެސޯސިއޭޝަންތައް ތަމްސީލްކުރާ ފަަރާތަކީ ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަންއެވެ.
މި އެސޯސިއޭޝަންތަކަށް ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ދޫކޮށްފައިވަނީ މި އަހަރުގެ ނިޔަލަށްކަމަށާއި އަދި އެ އެސޯސިއޭޝަންތަކަށް ޖިމް ދޫކޮށްފައިވަނީ އެއްވެސް އަގެއް ނުނަގައިކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން ހާމަކުރިގޮތުގައި މި އެއްބަސްވުމާއެކު ހުޅުމާލޭ ޖިމްގައި މާޝަލް އާރޓްސް ކިޔަވައި ދިނުމުގެ ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ސެޝަންތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ. އަދި އެކަމާގުޅޭ އިމްތިޙނުތަކާއި މާޝަލް އާޓްސްގެ އެކިއެކި ހުނަރު ދައްކާ ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.