”އިންސި ޝައިޠާނުން“ ގެ ވަސްވާސްތަކަކީ މާ ނުރައްކާތެރި އެއްޗެއްކަމަށާއި މާ ހެޔޮ ނަސޭހަތްދެއްވާ އެކުވެރިންނަށްވެގެން ބަޔަކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވިޔާނުދާ ނަސޭހަތް ދެއްވަމުން ގެންދަވާކަމަށާއި އެ ގޮތުން ވެރިކަން “ތެލުލެވި މުރަނަ“ ވެގެންދާކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސެއިން އަރީފް ވިދާޅުވެއްޖެއެވެ.
”ދި ޑެއިލީ“ އަށް ދެއްވި ބަސްދީގަތުމެއްގައި އަރީފް ވިދާޅުވީ ޖިންނި ޝައިޠާނުން ގެ ވަސްވާސްތަކަށް ވުރެ ”އިންސި ޝައިޠާނުން“ ގެ ވަސްވާސްތަކަކީ މާ ނުރައްކާތެރި އެއްޗެއްކަމަށެވެ.
އެ ގޮތުން މާ ހެޔޮއެދޭ, މާ ހެޔޮ ނަސޭހަތްދެއްވާ އެކުވެރިންނަށްވެގެން ބަޔަކު ރައީސް ޞާލިޙަށް ވިޔާނުދާ ނަސޭހަތް ދެއްވަމުން ގެންދަވާކަމަށާއި ރައީސް ޞާލިޙް އެ ނަސޭހަތްތައް އަޑުއެއްސެވުމުން ވެރިކަން ”ތެލުލެވި މުރަނަ“ ވެގެންދާކަމަށް ވެސް އަރީފް ވިދާޅުވިއެވެ.
އަރީފް ވިދާޅުވީ ރައީސް ނަޝީދު މިއަދު މަޖިލީހުގައި އިންނެވީ ރައީސް ޔާމިނު ޢަބްދުލްޤައްޔޫމުގެ ދަޢުރުގައި މަޖިލީހުގެ ރައީސްކަމުގައި މަޞީޙު އިންނެވި ފަދަ ގޮތަކަށްކަމަށެވެ.
ރައީސް ޞާލިޙަށް ވިޔާނުދާ ނަސޭހަތް ދެއްވަމުން ގެންދަވާކަމަށް އަރީފް ވިދާޅުވުމުން ”ދިޑެއިލީ“ އިން އެއީ ކޮންބައެއްތޯ ސުވާލު ދެންނެވުމުން އަރީފް ވިދާޅުވީ “އަޅުގަނޑު މި ދައްކާ ވާހަކަ އެ ނުބައިރޭވުން ރާވާ ބޮޑެތި ބޭފުޅުންނަށް ފަހުމުވާނެ“ ކަމަށެވެ. އަދި ޙަޤީޤަތް ވަނީ ވަރަށް ބޮޑަށް އޮޅުވާލައިފާކަމަށް ވެސް އަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮޗިން-ކުޅުދުއްފުށި ފެރީގެ ޚިދުމަތައް ފާޑުކިޔުއްވައި އަރީފް ވިދާޅުވީ ތާރީޚަކީ އިޢާދަވާ އެއްޗެއްކަމަށާއި މާޒީގައި ވެސް ރާއްޖޭގެ އިޤުތިޞާދު ރަނގަޅުކުރުމަށްކަމަށް ބުނެ ފެށި މިފަދަ ކަންކަމުން އިޤުތިޞާދު ރަނގަޅުވުމުގެ ބަދަލުގައި އިޤުތިޞާދު ހަލާކުވެފައިވާކަމަށެވެ. އަދި އެއީ ރާއްޖެފަދަ ކުޑަ ޤައުމަކަށް އެންމެ ރަނގަޅު ކަންކަމަށް ނުވެދާނެކަމަށް ވެސް އަރީފް ވިދާޅުވިއެވެ.