މާސް އިންސްޕެކްޝަނުގެ ދަށުން ފަސް ތަނެއް ބަންދުކޮށްފައިވާކަމަށް އެޗްއީއޯސީން ބުނެފިއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ މިހާރު ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ ދަށުން މިއަދާއި ހަމައަށްއައިއިރު 259 ތަނެއް ބަލާފައިވާނެކަމަށެވެ. އަދި އޭގެތެރެއިން 254 ތަން ހުރީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މި ގޮތުން އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ފާހަގަކުރެއްވުނީ 206 ފިހާރައާއި 29 ކެފޭއާއި 06 ސެލޫންގެ އިތުރުން 03 މާރުކޭޓްކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މިވަގުތު ބަންދުކޮށްފައިހުރީ 03 ކެފޭކަމަށާއި ކަންކަން ރަނގަޅުކުރުމުން އެއްފިހާރައާއި ކެފޭއެއް އަލުން ހުޅުވާފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން މި އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު ކުރިއަށް އޮތް ދެހަފުތާގެތެރޭގައި މާލެ ސަރަހައްދުގެ ތަންތަން އިންސްޕެކްޓްކުރާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓާއި ބައެއް އޮފީސްތައް އިންސްޕެކްޓު ކުރެވިގެންދާނެކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.