ގިނަ ޢަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު 07 މީހަކު ހައްޔަރުކޮށް މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި އެ 07 މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައެވެ.
އޭގެތެރެއިން މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ޓީޖެޓީގައި އޮތް ޕިކަޕެއް ބަލައި ފާސްކުރިއިރު 816 ބިޔަރު ދަޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައާއި ގުޅިގެން ޢުމުރުން 24 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއްގެ އިތުރުން ދިވެހި ފަސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 36 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންކަމަށް ވެސް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން، މި މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު މަސްތުގެ ހާލަތުގައި ހުރި މީހަކު ކާރެއް ދުއްވަމުންދާ ކަމަށް މައުލޫމާތު ލިބުނުކަމަށާއި އެ ގޮތުން ހިންގި އޮޕަރޭޝަނުގައި ޢުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އޭނާ ދުއްވި ކާރު ބެލި ބެލުމުގެތެރޭގައި 18 ބިޔަރު ދަޅު ފެނިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.