ގއ.މާމެންދޫން ކޮވިޑް-19 އަށް ފަސް މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިކަމާއި ގުޅިގެން މާމެންދޫ ކައުންސިލުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހުން ކަމަށެވެ. އަދި އެއީ މި މަހުގެ 13 ވަނަ ދުވަހު މާލެއިން އެނބުރި އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންކަމަށް ވެސް މާމެންދޫ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން މާމެންދޫ ކައުންސިލުން ބުނީ ޕޮޒިޓިވްވި މީހުންގެތެރޭގައި ޢުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނޭކަމަށާއި ފިރިހެންމީހާގެ ޢުމުރަކީ 76 އަހަރުކަމަށެވެ. އަދި އަންހެން މީހާއަކީ 62 އަހަރުގެ މީހެއްކަމަށް ވެސް އެ ރަށު ކައުންސިލުން ބުނެއެވެ.
މާމެންދޫ ކައުންސިލުން ބުނި ގޮތުގައި ޕޮޒިޓިވްވި ފަސް މީހުންނަކީ އެއް ގެއެއްގައި ތިބި ބައެކެވެ. މި ގޮތުން އެ ގޭގައި ހަތް މީހުން ކަރަންޓީނުވެފައިވާކަމަށް ވެސް މާމެންދޫ ކައުންސިލުން ބުނެއެވެ.
މާމެންދޫ ކައުންސިލުން ބުނިގޮތުގައި ޢުމުރުން ދުވަސްވީ 02 މީހުންގެ އިތުރުން ދެން ތިބި ތިންމީހުންނަކީ ޢުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

މާމެންދޫން ޖުމްލަ 96 ސާމްޕަލް ނަގާފައިވާއިރު އޭގެތެެރެއިން ޖުމްލަ 09 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. 85 މީހުން ނެގެޓިވްވެފައިވާއިރު ނަތިޖާ ނުލިބޭ ދެ ސާމްޕަލް އަދި އެބަހުރިކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެއެވެ. އޭގެ އިތުރުން މިހާތަނަށް ޖުމްލަ 122 މީހުން ހޯމް ކަރަންޓީނުކުރެވުނުއިރު ކަރަންޓީނުގައި މިވަގުތު ތިބީ 10 މީހުންކަމަށް ވެސް އެ ރަށު ސިއްހީ މަރުކަޒުން ބުނެއެވެ. ހަމައެއާއެކު 03 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
އެހެންކަމުން މާމެންދޫގައި މިހާރު ތިބި ބަލިމީހުންގެ ޢަދަދަކީ ޖުމްލަ 06 މީހުންނެވެ.