އިސްލާމީ ތަރިކަ ދަމަހައްޓައި ހިމާޔަތްކުރުމަކީ މިއަދު އެކަނި ކުރަންޖެހޭކަމެއް ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ދުނިޔޭގެ އިސްލާމީ ތަރިކައިގެ ދުވަހާއި ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
މި ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިސްލާމީ ތަރިކައަކީ ޢިލްމުތަކާއި އަދަބިއްޔާއި ތަފާތު ސަޤާފީ ކަންތައްތަކާއި ފަންނުތައް ހިމެނޭ ނުހަނު މުއްސަނދި ތަރިކައެއްކަމަށެވެ.
ނަމަވެސް އެ ތަރިކަ ދަމަހައްޓައި ހިމާޔަތްކުރުމަކީ މިއަދު އެކަނި ކުރަންޖެހޭކަމެއް ނޫންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ އިސްލާމީ ތަރިކަ ހިމާޔަތްކުރުމަކީ އަބަދަށްޓަކައި މުޅި އިސްލާމީ އުންމަތުގެ މައްޗަށް ވާޖިބެއްކަމަށް ވިދާޅުވެފައެވެ.
”އިސްލާމީ ތަރިކައަކީ ޢިލްމުތަކާއި އަދަބިއްޔާތާއި ތަފާތު ސަޤާފީ ކަންތައްތަކާއި ފަންނުތައް ހިމެނޭ ވަރަށް މުއްސަނދި ތަރިކައެއް . މި ތަރިކަ ދަމަހައްޓައި ހިިމާޔަތް ކުރުމަކީ މިއަދު އެކަނިކުރަންވ ކަމެއްނޫން. އެއީ އަބަދަށްޓަކައި މުޅި އިސްލާމީ އުންމަތުގެ ވާޖިބެއް.“ (ރައީސް މައުމޫން)
ހިޖުރީ ސަނަތުން 548 ވަނަ އަހަރުގައި ރާއްޖެ އިސްލާމްވި ފަހުން މިއަދާއި ހަމައަށް 893 އަހަރު ވީއިރުވެސް އިސްލާމީ ކުލަތައް ދައްކައިދޭ ނުހަނު އަގުހުރި ތަރިކަތައް ރާއްޖޭގައި އެބަހުއްޓެވެ. މި ގޮތުން ބަލާއިރު މި ހުރިހައި ތަރިކަތަކެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ރައްކާތެރިކުރުމަކީ ކޮންމެހެން ވެސް ބޭނުންކަމެކެވެ.