ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސް ގަންނަ އަގު ދަށްކޮށްފިއެވެ.
މިކަމާއި ގުޅިގެން އެ ކުންފުނިން ބުނީ އައިސް އަޅައިގެން ފިނިކޮށްފައި ހުންނަ, 1.5 ކގ އިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް މާދަމާއިން ފެށިގެން ގަންނާނީ 14 ރުފިޔާއަށް ކަމަށެވެ. އަދި އެ އަގަށް ގަންނާނީ ވަގުތުން ފައިސާދޭގޮތަށްކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި ގޮތުން އެ ކުންފުންޏަށް ވަގުތުން ފައިސާދޭގޮތަށް 14 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު މީގެ ކުރިން ގަނެފައިވަނީ ކިލޯއެއް 15 ރުފިޔާއަށެވެ.
ހޮރައިޒަން ފިޝަރީޒުން މި ބަދަލު ގެނައި ނަމަވެސް އައިސްނާޅައި ހުންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލީގެ އަގަށް ބަދަލު ގެނެސްފައެއް ނުވެއެވެ. މި ގޮތުން އައިސްނާޅައި ހުންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ގަންނަނީ ކިލޯއެއް 13 ރުފިޔާއަށެވެ.
އެހެންކަމުން އެ ކުންފުނިން ގެނައި ބަދަލާއެކު މާދަމާއިން ފެށިގެން 1.5 ކިލޯއިންދަށުގެ މަހާއި ކަންނެލި ގަންނާނީ 5.50 އަށެވެ. އޭގެ އިތުރުން އައިސްނާޅައި ގެންނަ 1.5 ކިލޯއިންދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނަން ހަމަޖައްސާފައިވަނީ 5.15 އަށެވެ.
ހޮރައިޒޯން ފިޝަރީޒުން މަހުގެ އަގު ދަށްކޮށްފައިވާއިރު މިފްކޯއިން އިއްޔެ ވަނީ އެ ކުންފުނިން މަސްގަންނަ އަގު ކިލޯއަކުން 02 ރުފިޔާ ދަށް ކޮށްފައެވެ.