އިންޑިއާގެ ފިލްމު ތަކުން ފެންނަ މައްޝޫރު ބަތަލް ޝާހިދު ކަޕޫރުއާއި އެކު ނެޓްފްލިކްސް އިން 100 ކަރޯޑް ރުޕީސް ގެ އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށާއި، އެއީ ދޮގު މައުލޫމާތެއް ކަމަށް ނެޓްފްލިކްސް އިން ބުނެފިއެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ޝާހިދާ އެކު އެފަދަ އެއްބަސްވުމެއް ނުހަދާ ކަމަށާއި އެފަދަ އެއްބަސްވުމަކާ ބެހޭ ގޮތުން ވާހަކަ ވެސް ނުދެކެވޭ ކަމަށެވެ. ނެޓްފްލިކްސް އިން މިހެން ބުނެފައި ވަނީ ޝާހިދު ލީޑް ރޯލް ކުޅޭ ބޮޑު ފިލްމެއްގެ މަސައްކަތް އެ ކުންފުންޏާ ގުޅިގެން ހަދަން ނިންމާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައި ވަނިކޮށެވެ.
އެ ފިލްމަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިރަށް މާލެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެ އަށް އެހީވާން ހިންގި ”އޮޕަރޭޝަން ކެކްޓަސް“ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމާ ބެހޭ ގޮތުން މީޑިއާތަކުން ބުނީ މިއީ ވަރަށް ބޮޑު ބަޖެޓަކުން ހަދާނެ ބިޔަ، ފިލްމެއް ކަމަށެވެ.
މީގެ އިތުރުން ނެޓްފްލިކްސްގެ އޮފިޝަލަކު ބުނެފައި ވަނީ 100 ކަރޯޑް ރުޕީސްގެ އެއްބަސްވުމެއް ޝާހިދު އާއިއެކު ހެދިކަމަށް ބުނާއިރު، ޝާހިދު އަކީ އެވަރުގެ އަގެއް ހައްގުވާ ވަރުގެ އެކްޓަރެއް ނޫން ކަމަށެވެ.
އަދި އަކްޝޭ ކުމާރާއި ޝާހްރުކް ޚާނާއި ސަލްމާން ޚާން ފަދަ ތަރިންނާ ޝާހިދު އަޅާވެސް ނުކިޔޭނެ ކަމަށާއި ބޮލީވުޑްގެ ކޮންޓެންޓްތަކަށް އިސްކަންދޭ އިރު، ނެޓްފްލިކްސް އިން އަބަދު ވެސް ބަލަނީ އެކްޓަރުންނަށް ވުރެ ބޮޑަށް ޑައިރެކްޓަރުންނަށް ކަމަށް ބުނެފައިވެ އެވެ.